ޕްރިމިއާ ލީގުގައި އެންމެފަހުން މެންޗެސްޓާ ޔުނައިޓެޑުން ކުޅުނު މެޗު ނިމުމުގެ ކުރިން ބެންޗު ދޫކޮށްދިޔަ މައްސަލާގައި އެޓީމުގެ ޕޯޗުގަލްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އަށް އަދަބު ދީފި އެވެ.
ޓޮޓެންހަމްގެ މައްޗަށް 2-0 އިން ޔުނައިޓެޑުން ކުރި ހޯދި މެޗުގެ ފަހުކޮޅު ބަދަލު ކުޅުންތެރިއެއްގެ ކުޅެން އެރުމަށް ރޮނާލްޑޯ ދެކޮޅު ހެދިއިރު، އޭނާ ވަނީ މެޗު ނިމުމުގެ ކުރިން ބެންޗު ދޫކޮށް ގޮސްފަ އެވެ. ރޮނާލްޑޯ މެޗުގެ 89 ވަނަ މިނެޓްގައި ބެންޗު ދޫކޮށްދިޔައިރު ޔުނައިޓެޑަށް އޮތް ފަސް ބަދަލުގެ ތެރެއިން އޭރު ކޮށްފައިވަނީ ތިން ބަދަލެވެ.
ރިޕޯޓުތައް ބުނާގޮތުން ބެންޗު ދޫކޮށް ދިޔުމުގެ އިތުރުން ރޮނާލްޑޯ ވަނީ މެޗު ނުނިމެނީސް ސްޓޭޑިއަމް ދޫކޮށް ވެސް ގޮސްފަ އެވެ.
އެކަމާ ގުޅިގެން ޔުނައިޓެޑުން ނެރުނު ބަޔާނެއްގައި ބުނީ މާދަމާ ރޭ ލީގުގައި ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗަށް ނަގާ ސްކޮޑުން ރޮނާލްޑޯ ބާކީކޮށްފައިވާ ކަމަށެވެ. އަދި ސްކޮޑުގައި ދެން ތިބި ހުރިހާ ކުޅުންތެރިންގެ ސަމާލުކަން އޮތީ ކުރިއަށް އޮތް މެޗަށް ތައްޔާރުވުމަށް ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.
ރޮނާލްޑޯ ވަނީ ލީގުގައި ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ޔުނައިޓެޑުން ކުޅުނު މެޗުގައި ބަދަލުކުރުމުން ވެސް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
މިދިޔަ ޓްރާންސްފާ މާކެޓުގައި ޔުނައިޓެޑް ދޫކޮށްލަން ރޮނާލްޑޯ މަސައްކަތް ކުރި ނަމަވެސް އޭނާ އަށް ރަނގަޅު ހުށަހެޅުމެއް ޔޫރަޕްގެ ބޮޑު އެއްވެސް ކްލަބަކުން ހުށަހަޅާފައި ނުވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.