Last Updated: July 17, 18:07
Friday, July 17, 2026
ކުޅިވަރު

ވިލާގެ ކޯޗުކަމުން ޖެރާޑް ވަކިކޮށްފި

އެސްޓަންވިލާގެ ކޯޗުކަމުން ސްޓީވެން ޖެރާޑް ވަކިކޮށްފި އެވެ.

ޖެރާޑް ވަކިކޮށްފައިވަނީ އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފުލަމް އަތުން 3-0 އިން ވިލާ ބަލިވި މެޗަށްފަހު މާގިނަ އިރުތަކެއް ނުވަނީހެވެ. ވިލާ އަށް މި ސީޒަނުގައި ހޯދިފައިވަނީ އެންމެ ދެ މޮޅެވެ. އެ ޓީމު މިވަގުތު އޮތީ ލީގުގެ 17 ވަނައިގަ އެވެ.

ފުލަމްގެ ދަނޑުގައި ރޭގެ މެޗު ކުޅުނުއިރު ވިލާގެ ސަޕޯޓަރުން ވަނީ ޖެރާޑް ބޭރުކުރުމަށް ތަކުރާރުކޮށް ގޮވާލާ އެކި ޝުއޫރުތައް ފާޅުކޮށްފަ އެވެ.

ވިލާގެ ކޯޗުކަމާ ޖެރާޑް ހަވާލުވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. ޖެރާޑްގެ އިރުޝާދުގެ ދަށުން ވިލާ އިން 40 މެޗު ކުޅުނުއިރު އޭގެތެރެއިން މޮޅުވެފައިވަނީ އެންމެ 13 މެޗަކުންނެވެ.

ރިޕޯޓުތައް ބުނާގޮތުން ޖެރާޑަށްފަހު ވިލާގެ ކޯޗުކަމަށް ދެން ގެންނަން މަސައްކަތް ކުރަނީ ޓޮޓެންހަމް އާއި ޕީއެސްޖީ އަށް ކުރިން ކޯޗުކޮށްދިން މައުރީސިއޯ ޕޮޗެޓީނޯ އެވެ. ޕީއެސްޖީގެ ކޯޗުކަމުން ވަކިވި ފަހުން ޕޮޗެޓީނޯ މިވަގުތާ ހަމައަށް ހުރީ ކޯޗުކަމުގެ ދާއިރާގައި ދުރުގަ އެވެ.