އައްޑޫ ގަމުގައި މިހާރު ހިންގަމުން އަންނަ އާ ފްލައިން ސްކޫލް، މޯލްޑިވިއަން އޭވިއޭޝަން އެކަޑެމީން ފުރަތަމަ ފަހަރަށް ދެ ދަރިވަރަކު ޕައިލެޓް ކޯސް ފުރިހަމަކޮށްފި އެވެ.
މި ދެ ދަރިވަރުންނަކީ ކުރިން ގަމުގައި ސްރީ ލަންކާގެ އޭޝިއަން އެކަޑެމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) އިން ހިންގި ފްލައި ސްކޫލް 2020 ގައި ހުއްޓާލި އިރު، ކޯސް ފުރިހަމަ ނުކުރެވި ތިބި ދަރިވަރުންގެ ތެރެއިން ދެ ދަރިވަރުންނެވެ. އެގޮތުން އިއްޔެ ކޮމާޝަލް ޕައިލެޓް ލައިސެންސް (ސީޕީއެލް) ފުރިހަމަކޮށް، އާ ފްލައިން ސްކޫލްގެ ތާރީހުގެ ތެރެއަށް ވަން ދެ ދަރިވަރުންނަކީ އަޖްމަލް ފަރީދާއި ރަޔާހް ރަޝީދެވެ.
ދެ ދަރިން ކޯސް ފުރިހަމަކޮށް ނިންމުމާ ގުޅިގެން މޯލްޑިވިއަން އޭވިއޭޝިއަން އެކަޑެމީން މަރުހަބާ ވެސް ކިޔާފައިވެ އެވެ.
މި ފްލައިން ސްކޫލަކީ ގައުމީ އެއާލައިން "މޯލްޑިވިއަން" އޮޕަރޭޓްކުރާ އައިލޭންޑް އޭވިއޭޝަން ސާވިސެސް (އައިއޭއެސް) އާއި ގައުމީ ޔުނިވަސިޓީ ގުޅިގެން އުފެއްދި ތަނެކެވެ. އަދި އެތަން ހިންގަނީ ޗެކް ރިޕަބްލިކްގެ ފްލައިން އެކަޑެމީއާ ގުޅިގެންނެވެ.
މޯލްޑިވިއަން އޭވިއޭޝަން އެކަޑެމީން ފްލައި ސްކޫލް ގަމުގައި ހިންގަން ފެށީ މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އެގޮތުން އޭއޭއޭގައި ކޯސް ހަދަމުން ދިޔަ 35 ދަރިވަރަކާ އެކީ އެ މަހު ކޯހުގެ ބާކީ ތިއަރީ ބައި ފަށައި، ޕްރެޓިކަލް ބައި ފެށީ މި އަހަރުގެ ޖުލައި 10 ގަ އެވެ.
މޯލްޑިވިއަން އޭވިއޭޝަން އެކަޑެމީން ބުނެފައި ވަނީ އެތަނުގެ މަސައްކަތް ފެށުމާ އެކީ އެންމެ ބޮޑު އިސްކަމެއް ދީފައި ވަނީ އޭއޭއޭ ހުއްޓާލި އިރު، ކޯސް ފުރިހަމަނުކުރެވި ދިބި ދަރިވަރުންގެ ކޯސް ފުރިހަމަކުރުމެވެ. ނަމަވެސް އާ ފްލައިން ސްކޫލުން ޕައިލެޓް ކޯހުގެ އާ ބެޗްތަކެއް ވެސް ފަށާފައިވެ އެވެ.