Last Updated: June 15, 03:58
Monday, June 15, 2026
ޚަބަރު

"އައްޑޫ ލީގް" ތައާރަފުކުރަނީ

"އައްޑޫ ލީގް" ގެ ނަމުގައި އަންނަ އަހަރު ފުޓްބޯޅަ މުބާރާތެއް ބާއްވަން ނިންމައިފި އެވެ.

ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ ތިން ވަނަ "އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް" ގެ ގުރުލާން ރޭ ގަމުގެ އީކްއޭޓަ ވިލެޖްގެ ބްލޫ ލެގޫންގައި ބޭއްވި ރަސްމިއްތުގައި މޭޔަރު އަލީ ނިޒާރު ވިދާޅުވީ މިހާރު ބާއްވާ ވުރެ ބޮޑު މުބާރާތެއް ވަކިން "އައްޑޫ ލީގް" ގެ ނަމުގައި މުބާރާތެއް ބޭއްވުމަކީ ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއުގެ ހުށަހެޅުމެއް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ހިޔާލަކީ މިހާރަށް ވުރެ ވަރުގަދަކޮށް، ބޮޑު މުބާރާތެއް ބޭއްވުމާ ގުޅޭ ގޮތުން ދެކެވުނު ވާހަކަތަކެއްގައި އުފަންވި ހިޔާލެކެވެ.

"ޑެޕިއުޓީ މަޝްވަރާ އެރުއްވީ އައްޑޫ ލީގްގެ ނަމުގައި މުބާރާތެއް ބާއްވަން. އޭރުން މިއަށް ވުރެ މާ ފުރިހަމަ އަށް އަދި ކުޅުންތެރިންގެ އިންވޯލްވްމަންޓް ބޮޑުވެ ރީޖަނަލް ކަމެއްގެ ގޮތުގައި މިކަން ކުރެވިގެން ދާނެ." ނިޒާރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހުށަހެޅުމަކީ "އައްޑޫ ލީގް" އަންނަ އަހަރު ތައާރަފުކޮށް، ރާއްޖޭގެ އަތޮޅެއްގައި، އެންމެ ބޮޑު އިނާމެއް ވެސް ހުށަހަޅައިގެން ބާއްވާ މުބާރާތަށް އެ މުބާރާތް ހެދުމެވެ.

"އަޅުގަނޑު އަބަދު ވެސް ވިސްނުން ގެންގުޅޭ ގޮތެއް ކޮމިޓްވެއްޖެ ނަމަ އެކަމެއް ފުރިހަމަވާން ޖެހޭނޭ. އަދި ކޮމިޓްވާ ގޮތަށް އެކަމެއް ކުރެވެން ވެސް ޖެހޭނޭ،" ނިޒާރު ވިދާޅުވި އެވެ. "އެހެންވީމަ އައްޑޫ ލީގް ވާން ޖެހޭނޭ އަތޮޅެއްގައި ބޭއްވޭ އެންމެ ވަރުގަދަ މުބާރާތަށް. އެންމެ ބޮޑު އިނާމެއް ލިބޭ މުބާރާތަށް. އެ ޓާގެޓަށް މަސައްކަތްކޮށް އަންނަ އަހަރަކީ އަޅުގަނޑުމެންގެ ފުޓްބޯޅައި އާދަޔާހިލާފު އަހަރަކަށް ހެދުމަށް އައްޑޫ ސިޓީ ކައުންސިލުން ނިންމައި އަދި އެ ނިންމުމަކީ އަތޮޅެއްގައި ބޭއްވޭ އެންމެ ވަރުގަދަ ލީގް، އައްޑޫގެ އެންމެ ބޮޑު މުބާރާތަށް ހަދަން ކައުންސިލަރުންނަށް ވެސް ހުށަހަޅަން."

ނިޒާރު ވިދާޅުވި ގޮތުގައި މި ފަހަރުގެ "އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް" ގެ ޗެމްޕިއަން ޓީމަށް 50،000ރ. ހުށަހަޅާފައިވާ އިރު "އައްޑޫ ލީގް" ވާނީ އެއަށް ވުރެ މާ ބޮޑު އިނާމެއް ލިބޭ މުބާރާތަކަށެވެ.

"އެއްލަކަ ނުވަތަ ދެ ލައްލަ ނުވަތަ ތިން ލައްކަ ވެސް އަޅުގަނޑަށް ކުޑަ. އެއަށް ވުރެ ބޮޑު ކުރެވޭ ކަމަށްވަންޏާ އެގޮތަށް ކުރުން އަޅުގަނޑަށް ރަނގަޅީ." އޭނާ ވިދާޅުވި އެވެ.

ނިޒާރު ވިދާޅުވި ގޮތުގައި ވަކި ޓާގެޓެއް އޮވެގެން އެކަމަށް ހާސިލުކުރަން ކައުންސިލރުންނާއި ކަމާ ގުޅުން ހުރި ހުރިހާ އެންމެން ގުޅިގެން މަސައްކަތްކޮށްފި ނަމަ އެކަން ކާމިޔާބުކުރެވޭނެ އެވެ.