ބަޔާން މިއުނިކާއި ފްރާންސްގެ ގައުމީ ޓީމުން ފާހަގަވި ވިންގަރ ފްރޭންކް ރިބެރީ ފުޓްބޯޅަ ކުޅުން ހުއްޓާލިކަން އިއުލާންކޮށްފި އެވެ.
ރިބެރީ ،39، ކުޅުން ހުއްޓާލިކަން އިއުލާންކޮށްފައިވަނީ އަނިޔާގެ ގިނަ މައްސަލަތަކެއް އޭނާ އަށް ކުރިމަތިވަމުންދާ ދަނޑިވަޅެއްގަ އެވެ. ކުޅުން ހުއްޓާލިއިރު ރިބެރީ ކުޅެމުންދިޔައީ އިޓާލިއަން ލީގުގެ ކްލަބެއް ކަމަށްވާ ސަލެނިޓާނާ އަށެވެ. އަނިޔާގެ ސަބަބުން އޭނާ ލީގުގެ ފުރަތަމަ މެޗަށްފަހު އެ ޓީމަށް މެޗެއް ކުޅެދީފައެއް ނުވެ އެވެ.
ރިބެރީގެ ކެރިއަރުގެ އެންމެ ގިނަ ދުވަސްތައް ހޭދަކޮށްފައިވަނީ ބަޔާންގަ އެވެ. ރިބެރީ ވަނީ އެ ކްލަބަށް 425 މެޗު ކުޅެދީ 124 ގޯލު ކާމިޔާބުކޮށްދީފަ އެވެ. ބަޔާނާއެކު ރިބެރީ ވަނީ ޖަރުމަނު ލީގް 9 ފަހަރު އަދި ޗެމްޕިއަންސް ލީގެއް ވެސް ކާމިޔާބުކޮށްފަ އެވެ.
ފްރާންސްގެ މޮޅު ކުޅުންތެރިއާގެ މަގާމު ތިން ފަހަރެއްގެ މަތިން ހޯދާފައިވާ ރިބެރީ ވަނީ ފްރާންސްގެ ގައުމީ ޓީމަށް 81 މެޗު ކުޅެދީ 16 ގޯލް ކާމިޔާބުކޮށްދީފަ އެވެ. ރިބެރީ ވަނީ 2014 ވަނަ އަހަރު ފްރާންސްގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލާފަ އެވެ.