އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ލިޒް ޓްރަސް އިސްތިއުފާ ދެއްވުމާ ގުޅިގެން އިނގިރޭސި ބޮޑުވަޒީރު ކަމަށް ވަޑައިގަތުމަށް ވެރިކަން ކުރާ ކޮންޒަވޭޓިވް ޕާޓީ ތެރޭގައި ވާދަވެރިކަން ބޮޑުވެއްޖެ އެވެ.
ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވާނެކަން ޓްރަސް އިއުލާން ކުރެއްވި ނަމަވެސް އާ ބޮޑުވަޒީރެއް އިންތިހާބު ކުރެވެންދެން މަގާމުގައި އޭނާ ދެމި ހުންނަވާނެ އެވެ.
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކަމަށް ވަޑައިގަންނަވާނީ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ އޮތް ކޮންޒަވޭޓިވް ޕާޓީގެ ލީޑަރު ކަމަށް ވަޑައިގަންނަވާ ބޭފުޅެކެވެ. އެގޮތުން އެ މަގާމަށް ކުރިމަތިލެވޭނީ ވެސް ކޮންޒަވޭޓިވް ޕާޓީގެ ގާނޫނު ހަދާ މަޖިލީހުގެ 100 މެމްބަރުންގެ ތާއީދު ލިބޭ ބޭފުޅުންނަށް އެކަންޏެވެ.

އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.
ސުންގަޑި ހަމަވާއިރު އެންމެ ބޭފުޅަކަށް 100 މެމްބަރުންގެ ތާއީދު ލިބިފައިވާ ނަމަ އިނގިރޭސި ބޮޑުވަޒީރު ކަމަށް ވަޑައިގަންނަވާނީ އެ ބޭފުޅެކެވެ. ނަމަވެސް އެއަށް ވުރެ ގިނަ ބޭފުޅުން އެ އަދަދަށް މެމްބަރުންގެ ތާއީދު ހޯދައިފިނަމަ ޕާޓީގެ ލީޑަރު ކަނޑައަޅާނީ އާންމު މެމްބަރުންގެ އޮންލައިން ވޯޓަކުންނެވެ. އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގައި ކޮންޒަވޭޓިވް ޕާޓީގެ 357 މެމްބަރުން ތިބެ އެވެ.
ރިޕޯޓުތައް ބުނާގޮތުން ޔޫކޭގެ ކުރީގެ ފިނޭންސް މިނިސްޓަރު ސުނާކް މިހާރު ވަނީ 100 މެމްބަރުންގެ ތާއީދު ހޯއްދަވާފަ އެވެ. އަދި ކުރީގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން 44 މެމްބަރުންގެ ތާއީދު ހޯއްދަވާފައިވާއިރު ހައުސް އޮފް ކޮމަންސްގެ ލީޑަރު ޕެނީ މޯޑަންޓް 21 މެމްބަރުންގެ ތާއީދު ހޯއްދަވާފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މި ތިން ބޭފުޅުންގެ ތެރެއިން މިހާތަނަށް ބޮޑުވަޒީރު ކަމުގެ ރޭހުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައި ވަނީ މޯޑަންޓް އެކަންޏެވެ. ނަމަވެސް ރިޕޯޓުތައް ބުނާގޮތުން ސުނާކް އާއި ޖޯންސަން ވެސް ވަރަށް އަވަހަށް ރޭހުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާނެ އެވެ.
ސުނާކް ވަނީ ކޮންޒަވޭޓިވް ޕާޓީގެ ލީޑަރު ހޮވަން މީގެކުރިން ބޭއްވި އިންތިހާބުގައި ވެސް ވާދަކޮށްފަ އެވެ. އެފަހަރު ބޮޑު ތަފާތަކުން ސުނާކް ބަލިކުރުމަށް ފަހު ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވީ ޓްރަސް އެވެ. ޓްރަސް އަކީ އިނގިރޭސި ބޮޑުވަޒީރުކަން އެންމެ ކުރު މުއްދަތަކަށް އަދާކުރެއްވި ފަރާތެވެ. އެކަމަނާ އިސްތިއުފާ ދެއްވީ މަގާމުގައި 45 ދުވަސް ހޭދަކުރެއްވުމަަށް ފަހު އެވެ.