Last Updated: June 25, 20:21
Thursday, June 25, 2026
ޚަބަރު

އެންމެ ގިނަ ޓޫރިސްޓުން އިންޑިއާ އިން

އިންޑިއާގެ ޓޫރިސްޓުންތަކެއް ގަން އެއާޕޯޓްގައި.

ރަޝިއާ ފަހަތަށް ވައްޓާލައި ރާއްޖެ އަށް މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން އައި ގައުމަކަށް އަނެއްކާ ވެސް އިންޑިއާވެއްޖެ އެވެ.

އަވައްޓެރި އެ ގައުމުން އަދި ރާއްޖެއާ އެންމެ ޒަމާންވީ ސިޔާސީ ގުޅުމެއް ވެސް އޮތް އިންޑިއާ އިން މި އަހަރުގެ މިހާތަނަށް 180،225 އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ހިސާބުތަކުން ދައްކަ އެވެ. މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ޖުމްލަ ޓޫރިސްޓުންގެ އަދަދު 1،279،231 އުޅޭ އިރު، އޭގެ ތެރެއިން 155،490 މީހުންނަކީ ރަޝިއާގެ ޓޫރިސްޓުންނެވެ. އެހެންވެ ރަޝިއާ މިހާރު އޮތީ ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމުގެ ގޮތުގަ އެވެ.

ތިން ވަނައިގައި އިނގިރޭސިވިލާތް އޮތީ 139،788 ޓޫރިސްޓުންނާ އެކީގަ އެވެ. ދެން އެންމެ ގިނައިން މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް ޒިޔާރަތްކޮށްފައި ވަނީ ޖަރުމަނާއި އިޓަލީގެ ޓޫރިސްޓުންނެވެ.

އިންޑިއާ މީހުންގެ މެދުގައި ރާއްޖެ މިހާރު ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އިރު، އެ ގައުމުގެ ވަރަށް ގިނަ މަޝްހޫރު ފިލްމީ ތަރިންގެ އާންމު ޗުއްޓީ މަންޒިލަކީ ވެސް މިހާރު ރާއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް 1،279،231 ޓޫރިސްޓުން ރާއްޖެ ޒިޔާރާތްކޮށްފައިވާއިރު އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާ އިރު 325،506 ގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެއަށް އައީ 953،725 ޓޫރިސްޓުންނެވެ.