ޕްރިމިއާ ލީގުގައި މިއަދު ނޮޓިންހަމް ފޮރެސްޓް އަތުން 1-0 އިންް ލިވަޕޫލް ބަލިވެއްޖެ އެވެ.
މި މޮޅާއެކު މީގެކުރިން ލީގުގެ ފުލުގައި އޮތް ފޮރެސްޓް މިހާރު ވަނީ 12 މެޗުން ލިބުނު 9 ޕޮއިންޓާ އެކު ލީގުގެ 19 ވަނަ އަށް ޖެހިލާފަ އެވެ. ލިވަޕޫލް އޮތީ 11 މެޗުން ލިބުނު 16 ޕޮއިންޓާ އެކު ލީގުގެ ހަތްވަނައިގަ އެވެ.
މިއީ ލީގުގައި ފޮރެސްޓް މޮޅުވި ދެވަނަ މެޗު ކަމަށްވާއިރު މިއީ ލިވަޕޫލް ބަލިވި ތިންވަނަ މެޗެވެ.
ފޮރެސްޓްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު ލިވަޕޫލްގެ ރޮބާޓޯ ފަމީނީ އަދި ވާޖިލް ވެންޑައިކަށް ވަނީ ލީޑު ނަގަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފަ އެވެ. ކައުންޓަ އެޓޭކުތަކުގައި ފޮރެސްޓުން ވެސް ވަނީ ލިވަޕޫލްގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތްކޮށްފަ އެވެ.
މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލް މެޗުގެ 55 ވަނަ މިނެޓްގައި ފޮރެސްޓަށް ކާމިޔާބުކޮށްދިނީ ޓައިވޯ އަވޮނިޔީ އެވެ. މި ގޯލް ކާމިޔާބުކުރީ ލިވަޕޫލްގެ ގޯލު ކުރިމަތީ ހުރެ ފޮނުވާލި ހަމަލާއަކުންނެވެ. މި ގޯލަށްފަހު ލީޑު ފުޅާކޮށްލަން ވެސް ފޮރެސްޓަށް ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފަ އެވެ. އެގޮތުން ފޮރެސްޓުން ތަނަވަސްކުރި އެ ފުރުސަތުތަކުގެ ހުރަހަކަށްވީ މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ލިވަޕޫލްގެ ކީޕަރު އެލިސަން އެވެ.
މެޗުގެ ފަހު ވަގުތުކޮޅުތެރޭ ލިވަޕޫލަށް ވަނީ ނަތީޖާ އެއްވަރުކޮށްލަން ރަނުގެ ފުރުސަތެއް ލިބިގެން ގޮސްފަ އެވެ. ނަމަވެސް ފޮރެސްޓްގެ ޕެނަލްޓީއޭރިއާ ތެރޭ ހުހަށް ހުރެ ވެންޑައިކް ބޮލުން ފޮނުވާލި އެ ހަމަލާ ދިފާއުކުރީ ފޮރެސްޓުގެ ކީޕަރު ޑީން ހެންޑަސަން އެވެ.
ލީގުގައި ލިވަޕޫލް ދެން ބައްދަލުކުރާނީ ލީޑްސް ޔުނައިޓެޑާ އެވެ. ފޮރެސްޓް ނިކުންނާނީ އާސެނަލްއާ ދެކޮޅަށެވެ.