އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެގެން ނިމިއްޖެ އެވެ.
މި ނަތީޖާއާއެކު 11 މެޗުން ލިބުނު 21 ޕޮއިންޓާ އެކު ޗެލްސީ އޮތީ ލީގުގެ ހަތަރުވަނައިގަ އެވެ. ޔުނައިޓެޑް އޮތީ 11 މެޗުން ލިބުނު 20 ޕޮއިންޓާ އެކު ލީގުގެ ފަސްވަނައިގަ އެވެ.
މިއީ ޔުނައިޓެޑާއި ޗެލްސީ ބައްދަލުކޮށް އެއްވަރުވި 26 ވަނަ މެޗެވެ. އަދި މިއީ ލީގުގައި ޗެލްސީން ޔުނައިޓެޑް އަތުން މޮޅެއް ނުލިބި ނިންމާލަން ޖެހުނު 10 ވަނަ މެޗެވެ.
ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު މި ހާފުގައި ޔުނައިޓެޑުން ވަނީ ރަނގަޅަށް ކުޅެ ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. އެގޮތުން މާކަސް ރަޝްފޯޑް ފޮނުވާލި ހަމަލާއެއް ޗެލްސީގެ ކީޕަރު ކެޕާ ދިފާއުކުރިއިރު ހާފް ނިމެންދަނިކޮށް އެންޓޮނީ އަށް ވަނީ ހުސް ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ.
ފުރަތަމަ ހާފާއި ހިލާފަށް ދެވަނަ ހާފްގައި ޗެލްސީން ކުޅުން ރަނގަޅު ކުރިއިރު މެޗުގެ 84 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ޗެލްސީ އަށް ލީޑު ނަގައިދިނީ ޖޯޖީނިއޯ އެވެ. މި ޕެނަލްޓީ ޗެލްސީ އަށް ލިބުނީ އެޓީމުގެ ފޯވާޑް ބްރޯޖާ އަށް ޔުނައިޓެޑްގެ މެކްޓޮމިނޭ ކުރި ފައުލަކާ ގުޅިގެންނެވެ.
މި ގޯލާއެކު ޗެލްސީ މޮޅުވާން ދަނިކޮށް މެޗުގެ އެންމެފަހު ވަގުތުކޮޅުތެރޭ ކަސެމެއިރޯ ވަނީ ޔުނައިޓެޑަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. ކަސެމެއިރޯ މި ގޯލް ކާމިޔާބުކުރީ ޗެލްސީގެ ޕެނަލްޓީއޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ބޮލުން ގޯލަށް ފޮނުވާލައިގެންނެވެ.
ލީގުގައި ޗެލްސީން ދެން ބައްދަލުކުރާނީ ބްރައިޓަންއާ އެވެ. ޔުނައިޓެޑް ނިކުންނާނީ ވެސްޓްހަމް ޔުނައިޓެޑާ ދެކޮޅަށެވެ.