ދުނިޔޭގެ އެންމެ ބޮޑު ޔޫޓިއުބަރުންގެ ތެރޭގައި ހިމެނޭ އެމެރިކާގެ "މިސްޓަ ބީސްޓް" ރާއްޖޭގެ ރީތިކަން ދުނިޔެ އަށް ދައްކާލައިފި އެވެ.
ޔޫޓިއުބްގައި ޖުމްލަ 106 މިލިއަން ސަބްސްކްރައިބަރުން ތިބި މިސްޓަ ބީސްޓް ނުވަތަ އަސްލު ނަމުން ނަމަ ޖިމީ ޑޯނަލްޑްސަން ރާއްޖެ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި އޭނާގެ ޓީމާއެކު ރާއްޖެ އަށް ޒިޔާރަތްކޮށްފަ އެވެ. ނަމަވެސް އޭނާ ރާއްޖެ އައިސްފައި ވަނީ ކީއް ކުރަންކަން ކުރިން އެނގިފައެއް ނުވެ އެވެ.
މިސްޓް ބީސްޓް އިއްޔެ އޭނާގެ ޗެނަލަށް އަޕްލޯޑް ކުރި ވީޑިއޯއެއްގައި ރާއްޖެ އައި ބޭނުން ހާމަކޮށްފަ އެވެ. އެ ވީޑިއޯގައި ހާއްސަކޮށްފައި ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި އެއް ޑޮލަރުން ފެށިގެން އެއް މިލިއަން ޑޮލަރާ ހަމައަށް އަގުތައް ހުރި ހޮޓެލްތައް މިސްޓަ ބީސްޓް އާއި އޭނާގެ ޓީމުން ތަޖުރިބާކޮށްލުމަށެވެ.
އެގޮތުން އެ ވީޑިއޯ އިން ފެންނަ ގޮތުގައި މިސްޓަ ބީސްޓާއި އޭނާގެ ޓީމް ރާއްޖެ އައިސްފައި ވަނީ 10،000 އެމެރިކާ ޑޮލަރުގެ ހޮޓަލެއް ތަޖުރިބާކޮށްލުމަށެވެ. އެގޮތުން މިސްޓަ ބީސްޓާއި އޭނާގެ ޓީމުން ވަނީ ރާއްޖޭގެ ކަނޑުއަޑީގެ ހޮޓަލެއް ތަޖުރިބާކޮށްލައި އެ ހޮޓަލުގެ އެކި ތަންތަން ދުނިޔެ އަށް ދައްކާލައިފަ އެވެ. އެ ޓީމުން ވަނީ އެ ހޮޓަލުގައި އެއް ދުވަސް ހޭދަކޮށްފަ އެވެ.
ރާއްޖޭގެ އިތުރުން މި ވީޑިއޯގައި މިސްޓަ ބީސްޓްގެ ޓީމުން ވަނީ އަވަށްޓެރި އިންޑިއާ އަށްވެސް ގޮސްފަ އެވެ. އިންޑިއާ އަށް ގޮސްފައި ވަނީ އެއް ޑޮލަރުގެ ހޮޓަލެއްގެ ތަޖުރިބާކޮށްލުމުގެ ގޮތުންނެވެ.
މިސްޓަ ބީސްޓް ވަނީ މިއީ އޭނާގެ ޓީމުން މިހާތަނަށް ތައްޔާރުކުރި އެންމެ އުނދަގޫ ވީޑިއޯކަން ހާމަކޮށްފަ އެވެ. މި ވީޑިއޯ މިހާތަނަށް ތިން މިލިއަނަށް ވުރެ ގިނަ ވިއުސް ލިބިފައިވެ އެވެ.