Last Updated: April 20, 19:35
Saturday, April 20, 2024
ޚަބަރު

މެންކްގެ ދަރުސް ނަފުސާނީ އުނދަގޫތަކަށް

މި މަހު ރާއްޖޭގައި ދަރުސް ޓުއާއެއް ބާއްވާ ޒިންބާބުވޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް ދަރުސްތައް ދެއްވާނެ މައުޟޫ އަކީ "ޑިޕްރެޝަން، އެންޒައިޓީ އެންޑް ސްޓްރެސް" ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

މިފަދަ މައްސަލަތަކާ ގުޅޭ ގޮތުން ދީނީ ނަޒަރިއްޔާތަކުން މެންކް ދަރުސް ދެއްވަން ހަމަޖެހުނު އިރު، ރާއްޖޭގައި މިހާރު ޑިޕްރެޝަނާއި އެންޒައިޓީ އަދި ސްޓްރެސް ފަދަ ނަފުސާނީ މައްސަލަތައް ވަރަށް ގިނަ އެވެ. ހާއްސަކޮށް މިފަދަ ކަންކަން ތަޖުރިބާކުރާ ޒުވާނުން ރާއްޖޭގައި އިތުރުވަމުންދާ އިރު، މިފަދަ މައްސަލަތަކާ ހެދި ފުރާނަ އަމިއްލަ އަށް ދުއްވައިލުން ފަދަ ކަންކަމަކީވެސް މިހާރު ފެންމަތިވަމުންދާ މައްސަލަތަކެވެ.

އެހެންވެ މުފްތީ މެންކްގެ ދަރުސް ޓުއާގެ މައުޟޫ އަކީ ރާއްޖޭގެ މިހާރު ހާލަތާ ވަރަށް ގުޅޭ މައުޟޫއެކެވެ

ދަރުސް ޓުއާގެ ތެރެއިން ބާއްވާ ފުރަތަމަ ދަރުސް މި މަހުގެ 28 ވަނަ ދުވަހުގެ ރޭ އޮންނާނީ މާލޭގަ އެވެ. ދެވަނަ ދަރުސް މި މަހުގެ 29 ގައި އޮންނާނީ ފުވައްމުލަކުގަ އެވެ. އަދި އައްޑޫގައި މި މަހުގެ 30 ގައި ދަރުސް ބޭއްވުމަށް ފަހު ދަރުސް ޓުއާ މެންކް ނިންމަވާލައްވާނީ މި މަހުގެ 31 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި ބާއްވާ ދަރުހުންނެވެ.

މީގެ ކުރިން ވެސް މުފްތީ މެންކް ރާއްޖޭގައި ދަރުސް ދެއްވާފައިވެ އެވެ. އެންމެ ފަހުން އޭނަ ރާއްޖެ ވަޑައިގަތީ 2020 ގަ އެވެ.