ޕްރައި ގްރޭޑްތަކެއްގެ ދަރިވަރުންނަށް ހާއްސަކޮށްގެން ބޭއްވި ސްކޫލް ކުދިންގެ "ނެސްލޭ ކިޑްސް ފުޓްބޯޅަ ފިއެސްޓާ" ނިންމުމުގެ ރަސްމިއްޔާތު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ޝަރަފުވެރިކޮށްދެއްވައިފި އެވެ.
އެ ރަސްމިއްޔާތު އޮތީ އިއްޔެ ހަވީރު ހެންވޭރު ބޯޅަ ދަނޑުގަ އެވެ.
މި މުބާރާތަކީ ސޮކަ ވެޓެރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބޭއްވި ޔަ މުބާރާތެކެވެ. މި މަހުގެ 19 އިން އިއްޔެ އަށް ބޭއްވި ފިއެސްޓާގައި މާލޭ ސަރަޙައްދުގެ 20 ސްކޫލަކުން ޖުމްލަ 720 ދަރިވަރުން ބައިވެރިވެފައިވެ އެވެ. މުބާރާތް ހާއްސަކުރީ ގްރޭޑް 3 އާއި 4 ގެ ދަރިވަރުންނަށެވެ.
މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ސޮކާ ވެޓެރަންސް އެސޯސިއޭޝަންގެ ފަރާތުން ވަނީ "ފިއެސްޓާ ލޯގޯ" ރައީސަށް ވެދުމަށް އަރުވައިފަ އެވެ.
ރައީސް ވަނީ ފިއެސްޓާގެ ޗެންޕިއަން ޓީމުތަކަށް މެޑަލާއި ތަށި ޙަވާލުކޮށް ދެއްވައިފަ އެވެ.