Last Updated: June 25, 18:03
Thursday, June 25, 2026
ޚަބަރު

ޗާގޯސް މައްސަލަ މަޖިލީހަށް ވައްދަނީ

ޗާގޯސް މައްސަލައާ ގުޅިގެން ރާއްޖޭން މިހާރު އަމަލުކުރަން ނިންމާފައިވާ ގޮތުގެ ސަބަބުން ރާއްޖެ އަށް އިޔާދަނުކުރޭ ވަރުގެ ގެއްލުމެއް ލިބިދާނެ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވެއްޖެ އެވެ.

އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި މަޑުއްވަރީ ދާއިރާގެ މަޖިލިސް މެމްބަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ ރާއްޖެ އަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމަކަށްވާތީ ސަރުކާރުން އެކަމަށް ފުރިހަމަ އަށް ޖަވާބުދާރީވާން ޖެހޭނަ ކަމަށެވެ.

"މައްސަލަ މަޖިލީހަށް ވެސް ވައްދާނަން. މައްސަލަ ބޭރުނުކުރުމަށް އެމްޑީޕީ ހުރިހާ މެމްބަރުންނަށް ދާއިރާތަކުގެ ރައްޔިތުން އިލްތިމާސް ކުރުން ވެސް މުހިއްމު." އާދަމް ޝަރީފް ވިދާޅުވި އެވެ.

ޗާގޯސް މައްސަލައާ ގުޅޭ ގޮތުން އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ބުނީ ޗާގޮސް އާއި ރާއްޖެއާ ދެމެދުގައިވާ ކަނޑުގެ ސަރަހައްދުގެ ތެރެއިން ބައުންޑަރީ ކަނޑައެޅުމުގެ މައްސަލާގައި ރާއްޖެއާ ދެކޮޅަށް މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް) ހުށަހަޅައިގެން އުޅޭ މައްސަލާގައި ރާއްޖޭން އެއްވެސް ތަނެއް ދޫކޮށްލާ ގޮތަކަށް ނެތް ކަމަށެވެ.

އޭޖީ އޮފީހުން ބުނީ ޖަރުމަނުގައި ހުންނަ އިޓްލޮސްގައި މިހާރު ކުރިއަށް ދަނީ ހިރާއްޖެ އާއި ޗާގޮސްއާ ދެމެދު އޮތް ކަނޑުގެ ސަރަޙައްދުގެ ތެރެއިން ފުށުއަރާ ސަރަޙައްދާ ގުޅޭ މައްސަލައެއް ކަމަށެވެ. އެއީ މޮރިޝަސްގެ ފަރާތުން ހުށަހެޅި މައްސަލައެއް ކަމަށާއި މި މައްސަލައިގައި ރާއްޖޭގެ ސްޓޭންޑް ބަދަލުނުވާ ކަމަށް ވެސް އެ އޮފީހުން ބުނެ އެވެ.

"ރާއްޖެއިން އެއްވެސް ތަނެއް ދޫކޮށްލާ ގޮތަކަށް ނޫން މި ތިބީކީ." އޭޖީ އޮފީހުން ބުންޏެވެ.

ނަމަވެސް އދ ގެ ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ (މުޢާހަދާ) ގެ ދަށުން މައްސަލަ މަޢުޟޫޢީ ގޮތުން އިޓްލޮސް އިން ބަލައި، އެ މުޢާހަދާގައި ބަޔާންކޮށްފައިވާ އުޞޫލުތަކާ އެއްގޮތަށް، ފުށުއަރާ ކަނޑުގެ ސަރަޙައްދުތަކުގެ ބައުންޑަރީ ކަނޑައަޅާނެ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުންޏެވެ.

އެގޮތުން ބައިނަލްއަޤްވާމީ އުޞޫލުތަކަށް ރިޢާޔަތްކުރާއިރު، ޢާންމު އުޞޫލެއްގެ ގޮތުން މިފަދަ ބައުންޑަރީތައް ކަނޑައަޅަނީ އިކުއިޑިސްޓެންސްގެ ހަމަހަމަ އުޞޫލަށް ބިނާކޮށްގެން ކަމަށާއި އޭގެ ނަތީޖާއަކަށްވާނީ، މުޢާހަދާގައި ބަޔާންކޮށްފައިވާ ހަމަތަކާ އެއްގޮތަށް ރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކުގެ ބައުންޑަރީ ކަނޑައެޅި، ރާއްޖެއަށް އެ ސަރަޙައްދުތަކުގެ މައްޗަށް ސިޔާދަތީ ޙައްޤުތައް ލިބިގެން ދިއުން ކަމަށް ބުނެފައިވެ އެވެ.