Last Updated: June 10, 20:13
Wednesday, June 10, 2026
ޚަބަރު

ރާއްޖޭގެ ސަރަހައްދުން އިންޗިއެއްވެސް ގެއްލެން ދިވެހިން ނޭދޭ: ޤާސިމް

ޤާސިމް އިބްރާހިމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރާއްޖޭގެ ސަރަހައްދުން އިންޗިއެއްވެސް ގެއްލެން ދިވެހިން ނޭދޭނެ ކަމަށް ޖޭޕީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދާ މެދު އުފެދިފައިވާ މައްސަލައިގައި ޤާސިމް މިއަދު ވިދާޅުވީ ރާއްޖޭގެ ކަނޑުގެ އިން ވަކިކުރިޔަސް، ބައިނަލްއަގްވާމީ ގާނޫނުން ރާއްޖެއަށް ލިބޭ އެއްވެސް ހައްގެއް، އިމްތިޔާޒެއް އަދި ނެގެން އޮތް ފައިދާއެއް ދޫކޮށްލުމަކީ، ދިވެހި ރައްޔިތުން ހުއްދަ ނުދޭހާ ހިނދަކު އެކަކަށްވެސް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

"ރާއްޖޭގެ ބިން އެކަންޏެއް ނޫން، ރާއްޖޭގެ ޖައްވާ ކަނޑުންވެސް އެންމެ ކޮޑި އިންޗިއެއްވެސް ގެއްލޭކަށް ނޫނީ ބަޔަކަށް ދޭކަށް، ގައުމީ ލޭ ހުރި އެއްވެސް ދިވެއްސަކު ނޭދޭނެ." ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ ރާއްޖެއާ ޗާގޮސްގެ ފުށުއަރާ ކަނޑުގެ އިން ވަކިކުރުމުގެ މައްސަލައިގައި، އޮތް ހަމައެކަނި ހައްލަކީ 'އިކުއިޑިސްޓޭންސް'ގެ އުސޫލުކަމަށް ދެކި ބަޔަކު ހަމަ އެދޭ އިރަށް ފަސޭހަކަމާއެކު އެގޮތަކަށް ދީލައިލުމަކީ ރާއްޖެއަށް އެންމެ މަސްލަހަތު ހުރި ގޮތް ކަމަށް ނުފެންނަ ކަމަށެވެ.

"އދ ގެ ކަނޑުގެ ޤާނޫނީ ހަމައިން 200 ނޯޓިކަލް މޭލް ރާއްޖެއަށް ކްލެއިމްކުރެވޭނެ."

މީގެއިތުރުން ޤާސިމް ވިދާޅުވީ ރާއްޖޭގެ އަންނަން އޮތް ޖީލުތަކުގެ މަސްލަހަތުގެ ހިމާޔަތުގައި ކުރެވެން އޮތް ހުރިހާ މަސައްކަތެއްވެސް އިހްލާސްތެރިކަމާއެކު ސަރުކާރުން ކުރުމަކީ ދިވެހިން އެދޭ ގޮތްކަމަށެވެ.