ޗާގޯސްއަށް ރާއްޖޭގެ ސިޔާދަތީ ބާރު އޮތްކަމަށް އެއްވެސް އިރެއްގައި ރާއްޖެއިން ދައުވާ ނުކުރާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ސްޕޯކްސްޕާސަން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
ޗާގޯސްގެ މައްސަލައިގައި މިއުވާން ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ ޗާގޮސްގެ މައްޗަށް އޮތް މޮރިޝަސްގެ ސިޔާދަތީ ބާރާ ބެހޭ ގޮތުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް، އައި.ސީ.ޖޭ އިން ނިންމާފައިވާ ނިންމުމަށް އދ ގައި ރާއްޖެއިން ތާއީދުކުރަން ނިންމި މައްސަލައާއި، ރާއްޖޭގެ ސަރަހައްދީ އިން ކަނޑައެޅުމާ ގުޅޭ ގޮތުން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ގައި ކުރިއަށްދާ މައްސަލައަކީ ތަފާތު ދެ މައްސަލައެއް ކަމަށެވެ.
ޗާގޮސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮންނާނެކަމަށް އައި.ސީ.ޖޭ ގެ އެޑްވައިޒަރީ އޮޕީނިއަން ނެރުމުން، އެކަމަށް އދގެ ގިނަ ޤައުމުތަކުން މިހާރު ތާއީދުކޮށްފައިވާ ކަމަށް މިއުވާން މިއުވާން ވިދާޅުވިއެވެ.
"ރާއްޖޭގެ ދެކުނުން، ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދުގެ ބައެއް ޗާގޮސްގެ ސަރަހައްދަށް ވަންނަކަމަށް މޮރިޝަސްއިން ބުނާ މައްސަލައިގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ގައި ދިވެހިރާއްޖެއިން ނަގާފައިވާ ސްޓޭންޑް ބަދަލެއް ނުވޭ." މިއުވާން ވިދާޅުވިއެވެ.
މިއުވާން ވިދާޅުވީ ޗާގޯސްގެ މައްޗަށް ދިވެހިރާއްޖޭގެ ސިޔާދަތީ ބާރު އޮތްކަމަށް އެއްވެސް އިރެއްގައި ދިވެހިރާއްޖެއިން ދައުވާ ނުކުރާ ކަމަށެވެ.
މިމައްސަލައިގެ އިތުރު ތަފްސީލް، މައްސަލައިގެ އަޑުއެހުންތައް މާދަމާ ނިމުމުން ބަންޑާރަ ނައިބުގެ އޮފީހުން ހާމަކުރައްވާނެ ކަމަށްވެސް ސްޕޯކްސްޕާސަން ވިދާޅުވިއެވެ.