އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި މުޅިން އަލަށް މީހއްގެ ލޮލުގެ ފުސް ކެހުމުގެ އޮޕަރޭޝަނެއް މިއަދު ކޮށްފި އެވެ.
މިކަމާ ބެހޭ ގޮތުން އެ ހޮސްޕިޓަލުން ބުނީ ފުސް ކެހުމުގެ އޮޕަރޭޝަން (ކެޓަރެކްޓް ސާޖަރީ) ވަރަށް ކާމިޔާބު ކަމަށެވެ.
އެތަނުން ބުނީ މިއީ އެ ހޮސްޕިޓަލްގައި ކުރި ފުސް ކެހުމުގެ އޮޕަރޭޝަން ނަމަވެސް މި އޮޕަރޭޝަން ކުރުމުގައި ހިމެނޭ ޓީމާއި ލޮލުގެ ޑޮކްޓަރަކީ މިފަދަ އެތަށް ސާޖަރީއެއް ކާމިޔާބުކަމާ އެކު ކޮށްފައި ވަނީ އިންޑިއާގެ އެސޯސިއޭޓް ޕްރޮފެސަރު ޑރ. ޕޫޖާ ކަމަށެވެ.
އޭއީއެޗުން ބުނީ މިފަދަ އިތުރު އޮޕަރޭޝަންތައް ކުރުމަށް މިހާރު ހޮސްޕިޓަލުގައި ތާވަލު ވެސް ކޮށްފައިވާ ކަމަށެވެ.
ލޮލަށް ފުސް އެރުން (ކެޓަރެކްޓް) އަކީ އާއްމުކޮށް އުމުރުން ދުވަސްވީ މީހުންނަށް ދިމާވާ މައްސަލައެކެވެ. ލޮލުގެ ލެންސަށް ފުސް އެރުމުން އޮޕަރޭޝަންކޮށް އާ ލެންސެއް ނުލައްވާ ނަމަ ބަލިމީހާގެ ލޮލުގެ ފެނުން މަޑުމަޑުން ގެއްލިގެން ގޮސް ލޯ އަނދިރިވާ ގޮތްވެ އެވެ.
މީގެ ދެ އަހަރު ކުރިން ޓާޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ހުޅުވައި ހިދުމަތް ދޭން ފެށި ފަހުން އޭއީއެޗުން އަންނަނީ އާ ހިދުމަތްތައް ތައާރަފުކޮށް، ހޮސްޕިޓަލުން ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރަން ގިނަ މަަސައްތަކެއް ކުރަމުންނެވެ.
އީއޭއީއެޗުން ބުނީ އެ ހޮސްޕިޓަލްގައި ލޮލުން ފުސް ކެހުމުގެ އޮޕަރޭޝަން ކުރެވުމަކީ މިފަދަ އޮޕަރޭޝަންތަކަށް މާލެ ނުވަތަ ރާއްޖޭން ބޭރަށް ދާން ދަތިވާ މީހުންނަށް ފަރުވާ ހޯދަން ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ. އަދި މިއީ ހޮސްޕިޓަލުން ހާސިލުކުރަން މަސައްކަތްކުރާތާ ދުވަސްތަކެއްވީ ހިދުމަތެއް ކަމަށް ވެސް ބުންޏެވެ.