Last Updated: June 12, 22:51
Friday, June 12, 2026
ޚަބަރު

ހިތަދޫ ގެއަކުން ވަގަށް ނެގި ތަކެތި ހޯދައި މީހަކު ހައްޔަރުކޮށްފި

ހިތަދޫ ގެއަކުން ވަގަށް ނެގި ތަކެތި ފުލުހުން ހޯދާފައި. ފޮޓޯ/ ޕޮލިސް

ސ. ހިތަދޫ ގެއަކުން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ގިނަ ޢަދަދެއްގެ އިލެކްޓްރޯނިކް ސާމާނުތަކަކާއި ބޭރު ފައިސާތަކާއި ދިވެހި ރުފިޔާތަކާ އެކު 24 އަހަރުގެ ފިރިހެނަކު ހިތަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުން ބުނީ ވަގަށް ނެގި ތަކެތި ހޯދިފައި ވަނީ ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މަޢުލޫމާތަކާއި ގުޅިގެން މި މަހުގެ 6 ދުވަހުގެ ފަތިހު 4:30 ހާއިރު ފުލުހުން އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރިކުރުމުން އޭނާ ދިރިއުޅޭ ކޮޓަރި ތެރޭ ހުރި ފޮށިގަނޑެއްގެ ތެރެއިން ކަމަށެވެ.
އެގޮތުން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނުތަކާއި ގަހަނާތަކާއި އިންޑޮނޭޝިއާގެ 1،000ރ އާއި ދިވެހި ރުފިޔާ ފެނިފައި ވެ އެވެ.

މިވައްކަމުގެ މައްސަލަ އާ ގުޅިގެން ފުލުހުން އެތަކެތި ހޯދާފައި ވަނީ ވައްކަން ހިނގިކަމުގެ ރިޕޯޓް ފުލުހުންނަށް ހުށަހެޅުމުގެ ކުރިން ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި އެ ތަކެތި ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ގެ ފުލުހުންނަށް ހޯދިފައި ވަނީ އެތަކެތި ހުރި ފޮށިގަނޑުގެ ބޭރުގައި ލިޔެފައި އިން އެޑްރެހެއްގެ އެހީގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ތަކެތީގެ ވެރި ފަރާތް ހޯދައި ފުލުހުން މިހާރު ވަނީ އެތަކެތި ހަވާލު ވެސް ކޮށްފަ އެވެ.