Last Updated: July 22, 18:06
Thursday, July 23, 2026
ދުނިޔެ

އިރާނުން އެމެރިކާ އަށް ދައުވާކުރަނީ

މިދިޔަ މަހުން ފެށިގެން އިރާންގައި ކުރިއަށްދާ ބޮޑެތި މުޒާހަރާތަކުގެ އަޑީގައި އެމެރިކާގެ ބައިވެރިން އޮތް ކަމަށް ބުނެ އެ ގައުމަށް ދައުވާކުރަން އިރާނުން ނިންމައިފި އެވެ.

މިކަން އިއްޔެ އިއުލާންކޮށް އިރާނުން ބުނީ އެ ގައުމުގެ ޖަސްޓިސް ޑިޕާޓްމަންޓުން މިހާރު އެކަމާ ގުޅޭ ގޮތުން ރަސްމީކޮށް ކުރަން ޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށެވެ. އެމެރިކާ އަށް ދައުވާކުރަން ނިންމައި، އިރާނުން ވަނީ މުޒާހަރާތަކަށް ހިތްވަރު ދިނުމާއި މުޒާހަރާތަކުގެ ހަރަކާތްތައް ބްރޯޑްކާސްޓްކުރުމުގައި އިސް ރޯލެއް އަދާކުރާ ކަމަށް ބުނެ އިނގިރޭސިވިލާތާއި ސައުދީ އަރަބިއްޔާ ވެސް އިންޒާރު ދީފަ އެވެ. އެގޮތުން އެ ދެ ގައުމަށް ވެސް އިރާންގެ ޝަރުއީ ނިޒާމުގެ ތެރެއިން ރެކިނުގަނެވޭނެ ކަމަށް ބުންޏެވެ.

އިރާންގައި މިދިޔަ މަހުގެ 16 އިން ފެށިގެން ސަރުކާރާ ދެކޮޅަށް ބޮޑެތި މުޒާހަރާތަކެއް ފެށުނީ މަހްސާ އަމީނީ ކިޔާ 22 އަހަރުގެ އަންހެނަކު ބުރުގާ ނާޅައި އުޅުމުން ފުލުހުން އޭނާ މި މަހުގެ 13 ގައި ހައްޔަރުކޮށް ދިން އަނިޔާތަކާ ގުޅިގެން، ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް މި މަހުގެ 16 ގައި މަރުވުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން މުޅި އިރާންގައި މުޒާހަރާތައް ވަރުގަދަވެ، މުޒާހަރަތަކާ ދެކޮޅަށް ފުލުހުން ހިންގި ހަރަކާތްތަކުގައި މިހާތަނަށް 200 އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ.

މި މުޒާހަރާތައް ފެށުމާ އެކީ އިރާނުން ވަނީ އެމެރިކާ އަށް ތުހުމަތުގެ އިނގިލި ދިއްކޮށް، މިކަމުގެ އަޑީގައި އެމެރިކާގެ ބައިވެރިވުން ވަރަށް ބޮޑު ކަމަށް ބުނެފައިވެ އެވެ.

އަންހެނުންނަށް މިނިވަންކަން ނެތް ކަމަށް ބުނެ އިރާނާ ދެކޮޅަށް މިހާރު ހުޅަނގުގެ ވަރަށް ގިނަ ގައުމުތަކުގައި ދަނީ އަޑު އުފުލަމުންނެވެ.