Last Updated: July 17, 18:07
Friday, July 17, 2026
ކުޅިވަރު

ސައުތުހެމްޓަނުން އާސެނަލް ހިފަހައްޓައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ސައުތްހެމްޓަން އާއި އާސެނަލް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެގެން ނިމިއްނެ އެވެ.

މި ނަތީޖާއާއެކު ލީގުގެ އެއްވަނައިގައި އާސެނަލް މިހާރު އޮތީ 11 މެޗުން ލިބުނު 28 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި 11 މެޗުން ލިބުނު 26 ޕޮއިންޓާ އެކު އޮތީ މެންޗެސްޓާ ސިޓީ އެވެ. ސައުތްހެމްޓަން އޮތީ 12 މެޗުން ލިބުނު 12 ޕޮއިންޓާ އެކު ލީގުގެ 15 ވަނައިގަ އެވެ.

މިއީ ލީގުގައި އާސެނަލަށް މޮޅެއް ނުލިބި ނިންމާލަން ޖެހުނު ދެވަނަ މެޗެވެ. މީގެކުރިން އެޓީމަށް މޮޅެއް ނުލިބި ނިންމާލަން ޖެހުނީ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުންނެވެ. އެ މެޗުން އާސެނަލް ވަނީ 3-1 އިން ބަލިވެފަ އެވެ.

ސައުތްހެމްޓަންގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ގޯލް ކާމިޔާބުކޮށް ލީޑު ނެގީ އާސެނަލުންނެވެ. އެގޮތުން ބެން ވައިޓް ސައުތްހެމްޓަންގެ ޕެނަލްޓީއޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް އެއްފަހަރުން ކުރިއަށް ފޮނުވާލައިގެން މި ގޯލް މެޗުގެ 11 މިނެޓްގައި އާސެނަލަށް ކާމިޔާބުކޮށްދިނީ ގްރޭނިޓް ޝަކާ އެވެ.

މި ގޯލަށްފަހު ވެސް އާސެނަލުން ސައުތްހެމްޓަންގެ ގޯލަށް ނުރައްކާ ކުރަމުންދިޔައިރު، ސައުތްހެމްޓަނުން ނަތީޖާ އެއްވަރުކުރީ މެޗުގެ 65 ވަނަ މިނެޓްގަ އެވެ. މި ގޯލް ސައުތްހެމްޓަނަށް ކާމިޔާބުކޮށްދިނީ ސްޓުއާޓް އާމްސްޓްރޯންގް އެވެ.

ދެ ޓީމުން ވެސް ލީޑު ނަގަން މެޗުގެ ފަހު 20 މިނެޓްގައި މަސައްކަތް ކުރި ނަމަވެސް މާ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމުން ކުރެ ޓީމަކަށް ތަނަވަސްކުރެވިފައެއް ނުވެ އެވެ.

ލީގުގައި މިރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ލެސްޓަ ސިޓީން ވަނީ 4-0 އިން ވުލްވްސް ބަލިކޮށްފަ އެވެ. އަދި އެސްޓަންވިލާ އިން 4-0 އިން ބްރެންޓްފޯޑް ބަލިކުރިއިރު ފުލަމް އިން ވަނީ 3-2 އިން ލީޑްސް ޔުނައިޓެޑް ބަލިކޮށްފަ އެވެ.