އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކަމަށް ވާދަނުކުރައްވަން އެގައުމުގެ ކުރީގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ނިންމަވައިފި އެވެ.
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ލިޒް ޓްރަސް އިސްތިއުފާ ދެއްވުމާ ގުޅިގެން އިނގިރޭސި ބޮޑުވަޒީރު ކަމަށް ވަޑައިގަތުމަށް ވެރިކަން ކުރާ ކޮންޒަވޭޓިވް ޕާޓީ ތެރޭގައި ވަނީ ވާދަވެރިކަން ބޮޑުވެފަ އެވެ. އެ މަގާމަށް ވާދަކުރައްވާނެކަން މިހާތަނަށް އިއުލާން ކުރައްވާފައިވަނީ ކުރީގެ ފިނޭންސް މިނިސްޓަރު ރިޝީ ސުނާކް އާއި ހައުސް އޮފް ކޮމަންސްގެ ލީޑަރު ޕެނީ މޯޑަންޓް އެވެ.
އެ މަގާމަށް ވާދަކުރެއްވުމުގެ ޝައުގުވެރިކަން ބޮރިސް ފާޅުކުރެއްވި ނަމަވެސް ރޭގެ ވަގުތެއްގައި އޭނާ ނެރުއްވި ބަޔާނެއްގައި ވަނީ މިއީ މަގާމަށް ކުރިމަތިލައްވަން އެންމެ ރަނގަޅު ވަގުތު ނޫން ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ސަރުކާރެއް ހިންގޭނީ ޕާޓީ އެއްބައިވަންތަ ގޮތެއްގައި އޮވެގެން ކަމަށާއި އެކަމަށް ޖާގަ ދިނުމުގެ ގޮތުން މިވަގުތު އެންމެ ރަނގަޅު ގޮތަކީ އޭނާ ފަހަތަށް ޖެހިވަޑައިގަތުން ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ބޮރިސް ވިދާޅުވި އެވެ.
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކަމަށް ވަޑައިގަންނަވާނީ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ އޮތް ކޮންޒަވޭޓިވް ޕާޓީގެ ލީޑަރު ކަމަށް ވަޑައިގަންނަވާ ބޭފުޅެކެވެ. އެގޮތުން އެ މަގާމަށް ކުރިމަތިލެވޭނީ ވެސް ކޮންޒަވޭޓިވް ޕާޓީގެ ގާނޫނު ހަދާ މަޖިލީހުގެ 100 މެމްބަރުންގެ ތާއީދު ލިބޭ ބޭފުޅުންނަށް އެކަންޏެވެ. އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު މެންދުރުގެ ނިޔަލަށް ހަމަވާނެ އެވެ.
ސުންގަޑި ހަމަވާއިރު އެންމެ ބޭފުޅަކަށް 100 މެމްބަރުންގެ ތާއީދު ލިބިފައިވާ ނަމަ އިނގިރޭސި ބޮޑުވަޒީރު ކަމަށް ވަޑައިގަންނަވާނީ އެ ބޭފުޅެކެވެ. އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގައި ކޮންޒަވޭޓިވް ޕާޓީގެ 357 މެމްބަރުން ތިބެ އެވެ.
ރިޕޯޓުތައް ބުނާގޮތުން ބޮޑުވަޒީރުކަމުގެ ރޭހުގައި މިހާރު އުޅުއްވަނީ ސުނާކް އެވެ. އެގޮތުން ސުނާކް މިހާރު ވަނީ 150 މެމްބަރުންގެ ތާއީދު ހޯއްދަވާފަ އެވެ. ޕެނީ މޯޑަންޓަށް މިހާތަނަށް ލިބިފައިވަނީ 25 މެމްބަރުންގެ ތާއީދު ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ސުނާކް ވަނީ ކޮންޒަވޭޓިވް ޕާޓީގެ ލީޑަރު ހޮވަން މީގެކުރިން ބޭއްވި އިންތިހާބުގައި ވެސް ވާދަކޮށްފަ އެވެ. އެފަހަރު ބޮޑު ތަފާތަކުން ސުނާކް ބަލިކުރުމަށް ފަހު ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވީ ޓްރަސް އެވެ. ޓްރަސް އަކީ އިނގިރޭސި ބޮޑުވަޒީރުކަން އެންމެ ކުރު މުއްދަތަކަށް އަދާކުރެއްވި ފަރާތެވެ. އެކަމަނާ އިސްތިއުފާ ދެއްވީ މަގާމުގައި 45 ދުވަސް ހޭދަކުރެއްވުމަަށް ފަހު އެވެ.