Last Updated: July 22, 18:06
Thursday, July 23, 2026
ދުނިޔެ

ސަލްމާން ރުޝްދީގެ އެއް ލޯ ކަނުވެއްޖެ!

މި އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ވަޅިއަކުން ދިން ހަމަލާތަކެއްގައި ބޮޑެތި ޒަހަމްތަކެއް ލިބުނު މުރުތައްދުވެފައިވާ ލިޔުންތެރިޔާ ސަލްމާން ރުޝްދީގެ އެއް ލޮލުގެ ފެނުން ގެއްލިއްޖެ އެވެ.

މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި އިންޑިއާ އަށް އުފަން އިނގިރޭސި/އެމެރިކާގެ ރަށްވެހިން އޮންނަ 75 އަހަރުގެ ލިޔުންތެރިޔާގެ އޭޖެންޓް، އެންޑްރޫ ވައިލީ ބުނީ އެއް ލޮލުގެ ފެނުން ގެއްލުމުގެ އިތުރަށް ރުޝްދީގެ އެއް އަތުން ވާގި ވެސް ނެތިފައިވާ ކަމަށެވެ. އޭނަ އަށް އޮގަސްޓް މަހުގެ 12 ވަނަ ދުވަހު ދިން ހަމަލާއާ ގުޅިގެން އޭރު ވެސް ރުޝްދީގެ އެއް ލޮލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ފަރުވާދިން ޑޮކްޓަރުން ވިދާޅުވެފައިވެ އެވެ.

ރުޝްދީގެ އޭޖެންޓް ބުނި ގޮތުގައި އޭނަ އަށް ދިން ހަމަލާގައި ކަރަށް ވެސް ސީރިއަސް ތިން ޒަހަމެއް ލިބިފައިވެ އެވެ.

ރުޝްދީ އަށް ވަޅިން ހަމަލާ ދިނީ އެމެރިކާގެ ނިއު ޔޯކްގެ ޝަޓަކްވާ އިންސްޓިޓިއުޓްގައި އޮތް އަދަބީ އިވެންޓެއްގެ ޕެނެލް ޑިސްކަޝަނެއްގައި ތަގުރީރުކުރަން އުޅެނިކޮށް ސްޓޭޖަށް މީހަކު އަރަ އެވެ. އެ ހާދިސާގައި ލިބުނު ޒަހަމްތަކާ ގުޅިގެން އޭނަ އަށް ވެންޓިލޭޓަރުގައި ވެސް ފަރުވާ ދިނެވެ.

ރުޝްދީ އަށް ހަމަލާ ދިނީ ހާދީ މަޓާރް ކިޔާ އެމެރިކާގެ ނިއު ޖާޒީ އަށް ނިސްބަތްވާ 24 އަހަރުގެ މީހެކެވެ. އެ ހާދިސާއާ ގުޅިގެން އޭނާ ވަނީ ހައްޔަރުކޮށްފަ އެވެ.

ރުޝްދީ އަކީ އިސްލާމް ދީނާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް އެތައް ލިޔުމެއް ލިޔެފައިވާ މީހެކެވެ. މިކަމާ ގުޅިގެން އޭނަ އަށް އިސްލާމީ ދުނިޔޭގެ ވަރަށް ބޮޑު ނުރުހުމެއް އަމާޒުވެފައިވެ އެވެ. އަދި ވަރަށް ގިނަ ފަހަރު މަތިން ރުޝްދީ އަށް މަރުގެ އިންޒާރު ވެސް ލިބެމުން ގޮސްފައިވެ އެވެ.

ރުޝްދީ ލިޔުނު 1988 ގެ ފޮތް "ދަ ސެޓޭނިކް ވާސެސް" ގެ ސަބަބުން އޭނަ އަކީ މަރާލަން ޖެހޭ މީހެއް ކަމަށް ބުނެ އިރާންގެ ކުރީގެ ރޫހާނީ ލީޑަރު އާޔަތުﷲ ހުމައިނީ 1989 ގައި ފަތުވާއެއް ވެސް ނެރުއްވާފައިވެ އެވެ.