ޖަލުގައި ދެވެން ނެތް ފަރުވާ ދިނުމަށްޓަކައި ހޮސްޕިޓަލަށް ނުވަތަ އެ ނޫން ވޭސް ސިއްހީ ޚިދުމަތްދޭ ތަނަކަށް ގެންގޮސްގެން ދިނުމަށް ހިންގާ ހަރަކާތްތަކަށް ތައްޔާރުވުމާ ގުޅޭ ރިފްރެޝާ ޕްރޮގްރާމެއް މާފުށީ ޖަލުގައި ހިންގައިފި އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ އިއްޔެގެ ރިފްރެޝާ ޕްރޮގްރާމަކީ "އޮޕަރޭޝަން ހޭހަން" ގެ ނަމުގައި މި މަހުގެ 29 ގައި ފަށަން ހަމަޖެހިފައިވާ ހާއްސަ ޕްރޮގްރާމަށް ތައްޔާރުވުމުގެ ބައެއް ކަމަށެވެ. މި ޕްރޮގްރާމަކީ ޖަލުގައި ތިބި ގައިދީންނާއި ބަންދުމީހުންގެ ތެރެއިން ސްޕެޝަލިސްޓުންނަށް ދައްކަން ޖެހޭ ގިނަ އަދަދެއްގެ މީހުން ތިބުމާ އެކީ، އެމީހުން ސްޕެޝަލިސްޓުންނަށް ދެއްކުމަށާއި ޖަލުގައި ދެވެން ނެއް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ނުވަތަ އެނހިން ވޭސް ސިއްޙީ ޚިދުމަތްދޭ މަރުކަޒަކަށް ގެންގޮސްގެން ދިނުމަށް ހިނގޭ ޚާއްސަ އޮޕަރޭޝަނެކެވެ.

އިއްޔެގެ ރިފްރެޝަ ޕްރޮގްރާމްގައި ސީނީއާ ރޭންކްތަކުގެ އޮފިސަރުން ބައިވެރިވި އެވެ.

މި އޮޕަރޭޝަންގައި ހިމެނޭ އޮފިސަރުންގެ މައިގަނޑު މަސްއޫލިއްޔަތަކީ ހާއްސަ ޑޮކްޓަރުންނަށް ދައްކަން ޖެހޭ ގައިދީންނާއި ބަންދުމީހުން ހަދަން ޖެހޭ ތަފާތު އެކި ޓެސްޓުތަކާއި ސިއްހި ޚިދުމަތްދޭ ތަންތަނުން ފޯރުކޮށްދޭ ޚިދުމަތްތަކާ ހަމައަށް ޖަލުން އެސްކޯޓްކޮށް އެ ޚިދްމަތް ލިބޭނެ މަގުފަހިކޮށް ދިނުމެވެ.

"އޮޕަރޭޝަން ހޭހަން" ގައި ބައިވެރިވާނީ މައިގަނޑު ގޮތެއްގައި ހުރިހާ ކޮމިޝަންޑު އޮފިސަރުންނާއި ފަސްޓް ކްލާސް ޕްރިޒަން އޮފިސަރުންގެ މަތީ ރޭންކުތަކުގެ އޮފިސަރުންނެވެ. މީގެ އިތުރުން އޮޕްރޭޝަން ހިންގުމަށް އެހެން ރޭންކްތަކުގެ އޮފިސަރުންނާއި މުވައްޒަފުން އެހީތެރިވާނެ އެވެ. މި އޮޕްރޭޝަންގައި ސީނިއާ މެނޭޖްމަންޓް ބައިވެރިކުރުމުގެ މަގުޞަދަކީ ޤައިދީންނާއި ބަންދު މީހުން އެސްކޯޓު ކުރުމުގައި ހުރި ދަތިތައް ދެނެގަތުމާއި އެކު ނިޒާމީ ސިފައެއްގައި ގެންނަންޖެހޭ ބަދަލުތައް ދެނެގަތުމާއި އަދި ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށް މަސައްކަތްކުރުމެވެ.
މެޑިކަލް ޓީމް ހިމަނައިގެން މި އޮފަރޭޝަންގައި ބައިވެރިވާ އޮފިސަރުން ބެހިފައިވަނީ ޖުމްލަ އަށް ޓީމަކަށް ކަމަށް ވެސް ކަރެކްޝަންއިން ބުންޏެވެ.