ށ. ޅައިމަގު ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާކަން އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ހާމަކޮށްފިއެވެ.
އެމްޓީސީސީން ބުނެފައިވަނީ ށ. ޅައިމަގު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުން، މަސައްކަތުގެ %62 މިހާރު ނިމިފައިވާ ކަމަށެވެ. އަދި އެއްގަމު ތޮށި ލުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި، އަދި ޕްރޮޖެކްޓް ސައިޓުގައި މިހާރު ކުރިއަށް ދަނީ ބޭރުތޮށި ލުމުގެ މަސައްކަތާއި، ހާބަރު ޕޭވްމެންޓް އެޅުމުގެ މަސައްކަތުގެ އިތުރުން، ބަނދަރު ފުންކުރުމުގެ މަސައްކަތް ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.
މި މަޝްރޫއުގެ ދަށުން، 31،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 350 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 276 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 500 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 1380 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ނެރު ބައްތި އާއި މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
ށ. ޅައިމަގު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއަކީ 56.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.