Last Updated: June 10, 20:13
Wednesday, June 10, 2026
ޚަބަރު

ޤާޟީ ފަހީމްއަށް ސުލޫކީ ފިޔަވަޅު އަޅަން ނިންމައިފި

ސިވިލް ކޯޓުގެ ޤާޟީ ޙަސަން ފަހީމް އިބްރާހީމް--

ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ހަސަން ފަހީމް އިބްރާހީމާމެދު ސުލޫކީ ފިޔަވަޅު އެޅުމަށް ޖުޑިޝަލް ސަރވިސް ކޮމިޝަންއިން ނިންމައިފިއެވެ.

ޖޭއެސްސީން ބުނެފައިވަނީ ސިވިލް ކޯޓުގެ ޤާޟީ ހަސަން ފަހީމް އިބްރާހީމް އާއި ބެހޭގޮތުން ކޮމިޝަނުން ތަހުޤީޤުކުރި ބައެއް މައްސަލަތަކުގައި ޤާޟީ ހަސަން ފަހީމް އިބްރާހީމް އަމަލުކޮށްފައިވާގޮތަށް ބަލާއިރު، މި މައްސަލަތަކުގައި ޤާޟީ ހަސަން ފަހީމް އިބްރާހީމްގެ ސުލޫކަށް އަސަރުކުރާފަދަ ކަމެއް އޮތްކަމަކަށް، ތަޙްޤީޤުކުރި ތަޙްޤީޤު ކޮމިޓީގެ މެމްބަރުންނަކަށް ނުފެންނަކަމަށެވެ.

އެހެންނަމަވެސް، ޖޭއެސްސީން ތަހުގީގުކުރި 2019/88 މައްސަލާގައި، ޤާޟީ ހަސަން ފަހީމް އިބްރާހީމް އަމަލުކޮށްފައިވާގޮތަށް ބަލާއިރު، ދައުވާކުރާ ފަރާތާއި ދައުވާލިބޭ ފަރާތުގެ ޣައިރު ހާޒިރުގައި މައްސަލައިގައި ހުކުމްކޮށް މައްސަލަ ނިންމާފައިވާކަމަށް ކޮމިޝަންގެ ތަހުޤީޤުގައި ޤާޟީ ހަސަން ފަހީމް އިބްރާހީމް އިއުތިރާފުވެފައިވާކަމަށެވެ. އަދި ޤާޟީ ފަހީމް އަމަލުކުރައްވާފައިވާ ގޮތަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއް ކަަމަށެވެ.

އެހެންކަމުން ޤާޟީ ހަސަން ފަހީމް އިބްރާހީމަށް ނަޞޭހަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރުމަށް އެންގުމުގެ ފިޔަވަޅު އެޅުމަށް ފެންނަ ކަމަށް ޖޭއެސްސީން ވަނީ ނިންމާފައެވެ.