އައްޑޫ ހިތަދޫގައި ހިންގާ ޝަރަފުއްދީން ސްކޫލުން އާ ޔުނިފޯމެއް ތައާރަފުކޮށްފި އެވެ.
އެ ސްކޫލްގެ ދެ ޖިންސްގެ ދަރިވަރުން އިއްޔެ ސްކޫލަށް ނުކުތީ އާ ޔުނިފޯމާ އެކީގަ އެވެ. އެ ސްކޫލުން ބުނީ ދަރިވަރުންނަށް މުޅިން އާ ރަސްމީ ޔުނިފޯމެއް ތައާރަފުވުމަކީ ދަރިވަރުންނާއި ސްކޫލަށް ވެސް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. ޝަރަފުއްދީން ސްކޫލަކީ ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 10 އާ ހަމައަށް ކިޔަވައިދޭ ސްކޫލެވެ.
މި ސްކޫލަކީ އެންމެ ފުރަތަމަ 1992 ގައި ސަދަން ސެކަންޑަރީ ސްކޫލްގެ ނަމުގައި ހިންގުމަށް ފަހު، ފަހުން މުހިއްބުއްދީން ސްކޫލްގެ ނަމުގައި ވެސް ހިންގި ސްކޫލެވެ މި ސްކޫލަކީ ކުރިން ހަމައެކަނި ސާނަވީ އަށް ހާއްސަ ސްކޫލެވެ. މިހާރު ޝަރަފުއްދީން ސްކޫލް ހިންގަނީ ކުރިން އެ ސްކޫލާ އިންވެގެން ހުރި ސ. އަތޮޅު ތައުލީމީ މަރުކަޒާ އެއްކޮށްލައިގެންނެވެ.
ސްކޫލްގެ އާ ޔުނިފޯމާ ބެހޭ ގޮތުން ޝަރަފުއްދީން ސްކޫލްގެ ޕްރިންސިޕަލް ހުސެން މުސައްވިރު ވިދާޅުވީ، ޔުނިފޯމަށް ގެނައި ބަދަލާ އެކީ އާ ޔުނިފޯމްގައި ކުރިން ވެސް އެ ސްކޫލްގެ ބޭނުން ކުރަމުން އައި މެރޫން ކުލަ އާއި ރަން ކުލަ އާ ޔުނިފޯމްގައި ވެސް އެކުލެވޭ ކަމަށެވެ.
ޝަރަފުއްދީން ސްކޫލުން އާ ޔުނިފޯމެއް ތައާރަފުކުރަން ކުރިން ނިންމީ މިދިޔަ އަހަރު އެވެ. ނަމަވެސް ކޮވިޑް-19 ގެ ހާލަތާ ހެދި އޭރު ކުރިމަތިވެފައި އޮތް ދަތިކަމުގެ ސަބަބުން އެކަން ފަސްކުރީ އެވެ.
ޝަރަފުއްދީނަކީ 1،150 ދަރިވަރުންނާ އެކީ މިހާރު އައްޑޫގައި އެންމެ ގިނަ ދަރިވަރުން ކިޔަވާ ސްކޫލެވެ.