Last Updated: June 10, 20:13
Wednesday, June 10, 2026
ޚަބަރު

ޗާގޯސް މައްސަލައިގައި މަޖިލީހަށް ކުއްލި މައްސަލައެއް

މެމްބަރު އާދަމް ޝަރީފް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ޗާގޯސް މައްސަލައިގައި ރާއްޖޭގެ ސްޓޭންޑް ބަދަލުނުކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް މި ކުއްލި މައްސަލަ ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފެވެ. މި ކުއްލި މައްސަލަ ބަލައިގަތުމަށް ފެންނަ ކަމަށް 54 މެމްބަރުން ވޯޓު ދިންއިރު، ކުއްލި މައްސަލަ ބަލައިގަތުމާ ދެކޮޅަށް ވޯޓު ދެއްވީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެކަނިއެވެ.

އާދަމް ޝަރީފް ހުށަހަޅާފައިވާ ކުއްލި މައްސަލައިގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ސަރަހައްދަކީ ކޮބައިކަމާއި އެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތުން ފާސްކުރާ ޤާނޫނަކުން ކަމުގައި ޤާނޫނުއަސާސީގައި ބަޔާން ކޮށްފައިވާ ކަމަށެވެ.

ކުއްލި މައްސަލައިގައި ބުނެފައިވަނީ ޗާގޯސް މައްސަލައިގައި ކުއްލިއަކަށް ސަރުކާރުގެ ސިޔާސަތާއި ސްޓޭންޑް ބަދަލުކުރުމުގެ ސަބަބުން ޗާގޯސް އިން ރާއްޖެއަށް ހާއްސަ އިޤުތިސާދީ ސަރަހައްދުގައި ހިމެނޭ ބައި ގެއްލޭނެތީއާއި އެކަމުގައި ރާއްޖޭގެ ހައްޤު ހޯދުމުގެ ބަސް ބުނުމުގެ ދޮރު ރާއްޖެއަށް އެއްކޮށް ބަންދުވެދާނެކަމަށެވެ.

"ޗާގޯސްގެ މައްޗަށް ބާރު ހިންގާ ޤައުމެއްގެ ގޮތުގައި އިނގިރޭސިވިލާތް އޮތުމުން ޗާގޯސްގެ ސަރަހައްދުން ރާއްޖެއަށް ހިމެނޭ ބަޔާމެދު މޮރިޝަސްއިން ވަކާލާތުކުރުމުގެ ފުރުސަތު ހަނިކަމަށް ވާއިރު، އެކަމަށް ރިއާޔަތް ކުރުމެއް ނެތި، ކުރިން ސަރުކާރުން ގެންގުޅުނު ސިޔާސަތު ކުއްލިއަކަށް ބަދަލުކޮށް، މޮރިޝަންސްއަކީ ޗާގޯސްގެ ސިޔާދަތީ ބާރު ހިނގާ ޤައުމުކަމުގައި ރާއްޖެއިން ނިންމި ނިމްމުމަކީ އިޔާދަ ނުކުރެވޭފަދަ ބޮޑު ގެއްލުން ދިވެހިރާއްޖޭއަށް ލިބޭނެ އަދި ރާއްޖެއިން 96000 އަކަ ކިލޯމީޓަރގެ ބޮޑުބައެއް ގެއްލިގެންދާނެ ކަމަށްވާތީއާއި އަދި، މިމައްސަލައިގާ ރާއްޖެއިން މިހާރު އަމަލުކުރަމުންދާގޮތުން މިކަމުގައި ބޭރުގެ ނުފޫޒު އޮތްކަމަށްވެސް ގަބޫލުކުރެވޭތީއާއި، ރާއްޖޭގެ ބިމުން ވެލިފުކެއްގެ މިންވަރު ވިޔަސް އަދި ކަނޑުން ކޮޑި އިންޗިއެއްގެ މިންވަރުވިޔަސް އެއްވެސް ބަޔަކަށް ދިނުމާމެދު ދިވެހިން ނިހާޔަތަށް ދެކޮޅުހަދާތީވެ،" ކުއްލި މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.

އާދަމް ޝަރީފްގެ ކުއްލި މައްސަލައިގައި ބުނެފައިވަނީ ޗާގޯސްގެ މައްސަލައަކީ ރާއްޖޭގެ ސިޔާސީ، ސިޔާދަތީ، ހާރިޖީ، އިގުތިސާދީ އަދި ސިޔާދަތީ ބާރުތަކާއި މަސްލަހަތުތަކާ ނުހަނު ގުޅުންހުރި މައްސަލައަކަށްވާތީ، ދިވެހި ދައުލަތާއި ރައްޔިތުންގެ މަސްލަހަތު އިސްކުރުމުގެ ބަދަލުގައި ރާއްޖެއަށް ގެންލުން ލިބޭފަދަ ގޮތަކަށް ސަރުކާރުގެ ސްޓޭންޑާއި ސިޔާސަތު ބަދަލުކޮށްފައިވާ މައްސަލަ ކުށްވެރިކުރާ ކަމަށެވެ. އަދި މިކަމުގައި ރާއްޖޭގެ ސްޓޭންޑް ބަދަލު ނުކުރުމަށްވެސް ސަރުކާރަށް ގޮވާލާފައިވެއެވެ.

މިމައްސަލައިގައި ބަންޑާރަނައިބުގެ އޮފީހުން ބަޔާނެއް ނެރެފައިވާއިރު، އެ އޮފީހުން ބުނެފައިވަނީ އދ ގެ ޖެނެރަލް އެސެބްލީގައި ރާއްޖެއިން މޮރިޝަސްއާ އެއްކޮޅަށް ވޯޓު ލުމަކީ، ރާއްޖެއިން މޮރިޝަސްއާ ދެކޮޅަށް ޓްރައިބިއުނަލުގައި ވަކާލާތުކުރަމުން ގެންދާ މައްސަލަގައި ޖަވާބުދާރީވަމުން އައިސްފައިވާ އެއްވެސް ކަމަކަށް ނުވަތަ ސްޓޭންޑަށް އެއްވެސް ބަދަލެއް އަންނާނެ ކަމެއް ނޫން ކަމަށެވެ.