Last Updated: June 25, 18:03
Thursday, June 25, 2026
ޚަބަރު

ބޭރުގެ ބޯޑަކަށް އެޑިއުކޭޝަން މިނިސްޓަރު

ތައުލީމު ކުރިއަރުވަން އެހީތެރިކަން ފޯރުކޮށްދޭ ބައިނަލްއަގުވާމީ ފަންޑް، ގްލޯބަލް ޕާޓްނަޝިޕް އިން އެޑިއުކޭޝަން (ޖީޕީއީ) ގެ ބޯޑު މެމްބަރެއްގެ ގޮތުގައި ރާއްޖޭހެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ހިމެނިއްޖެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މަދުން އާމްދަނީ ލިބޭ ގައުމަތަކަށް ހާއްސަ ޖީޕީއީގެ އޮލްޓަނޭޓް ބޯޑަށް މިނިސްޓަރު ހޮވީ ޕެސިފިކް ސަރަހައްދު ތަމްސީލުކުރުމަށްޓަކައި ކަމަށެވެ. ދުނިޔޭގެ 70 އަށް ވުރެ ގިނަ ގައުމުގެ ތައުލީމީ ފެންވަރު ރަނގަޅުކުރުމަށް މިހާރު ވެސް އެ ފަންޑުން އަންނަނީ މާލީ އެހީތެރިކަން ދެމުންނެވެ.

މިނިސްޓްރީން ބުނީ އައިޝަތު ބޯޑަށް އޭނާ ހޮވުނީ އެ ބޯޑުގައި އޭޝިއާ ޕެސިފިކް ސަރަހައްދު ތަމްސީލުކުރުމަށް ނަން ހުށަހަޅައިގެން ކަމަށެވެ. އަދި އެ ފަންޑުގެ ސެކްރެޓޭރިއޭޓުން ވިސްނުމަށް ފަހު، އެ ދާއިރާގެ މެމްބަރު ގައުމުތަކުގެ ތާއީދު ލިބޭތޯ އައިޝަތު އަލީގެ ނަން ފޮނުވި އެވެ. އެގޮތުން ދާއިރާގެ ހުރިހާ މެންބަރުން ވެސް މިނިސްޓަރަށް ތާއީދުކުރި ކަމަށް މިނިސްޓްރީން ބުންޏެވެ.

ބޯޑުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެނީ ޖީޕީއީގެ ލަނޑުދަނޑިތައް ހާސިލުކުރެވެމުން އަންނަ މިންވަރު ބަލައި ވަޒަންކުރުމާއި ލަނޑުދަނޑިތައް ހާސިލުކުރުމަށް ހުރި ހުރަސްތައް ދެެނެގަތުމާއި ދުނިޔެ އަށް އަންނަމުން ދާ ބަދަލުތަކާ އެއްގޮތަށް ސިޔާސަތުތަކާއި އުސޫލުތައް ބަދަލުކުރުމެވެ.

ޖީޕީއީގެ ޑިރެކްޓަރުންގެ ބޯޑުން ފަންޑުގެ ޕާޓްނާޝިޕްގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް ވެސް ކަނޑައަޅަ އެވެ. ބޯޑުގައި ތަމްސީލުކުރަނީ މަދުން އާމްދަނީ ލިބޭ ގައުމުތަކުގެ ސަރުކާރުތަކާއި އެހީ ދޭ ބައިނަލްއަގުވާމީ ޖަމިއްޔާ ޖަމާއަތްތަކާއި އަމިއްލަ ވިޔަފާރިތަކާއި ފައުންޑޭޝަންތަކާއި މަލްޓިލޭޓަރަލް އެޖެންސީތަކާއިގެ އިތުރުން ސަރަހައްދީ ބޭންކުތަކުންނެވެ.