Last Updated: June 10, 20:13
Wednesday, June 10, 2026
ޚަބަރު

ފޯޅަވައްސަކީ ރާއްޖޭގެ ތަނެއް، ދޫކުރެވޭކަށް ނެތް: ނަޝީދު

ރައީސް މުހައްމަދު ނަޝީދު- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ފޯޅަވައްސަކީ ރާއްޖޭގެ ތަނެއް ކަމަށާއި، އެތަން ދޫކުރެވެން ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޗާގޯސް މައްސަލައިގައި ރާއްޖޭގެ ސްޓޭންޑް ބަދަލުނުކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅާފައިވާއިރު ރައިސް ނަޝީދުވެސް ވަނީ ރިޔާސަތުގައި އިންނަވައި އެ މައްސަލައާ ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ.

އެގޮތުން ރައީސް ނަޝީދު ވިދާޅުވީ 2009 ވަނަ އަހަރު ވެރިކަމުގައި ހުންނެވިއިރު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅެއްގައި އިނގިރޭސި ސަރުކާރާ ބައްދަލުކޮށް ފޯޅަވައްސަކީ ރާއްޖޭގެ ތަނެއްކަމަށް ދިވެހިންނަށް ފާހަގަވާ ކަމަށާއި، ސަގާފަތާއި ތާރީހީ ހެކި އެކަމުގައި ވާކަން ފާހަގަކުރި ކަމަށެވެ. އަދި ޒަމާނުއްސުރެއް އިންޑިއާކަނޑުގެ މަސްލަހަތު އިނގިރޭސިން ތަންފީޒުކުރަމުން ގެންދިޔައީ ރާއްޖެ މެދުވެރިކޮށްކަންވެސް އެ ބައްދަލުވުމުގައި ފާހަގަ ކުރި ކަމަށާއި، މީގެއިތުރުން ރާއްޖޭގެ ސަރަހައްދުން އެއްވެސް ތަނެއް ގެއްލޭފަދަ ކަމެއް ކުރުމަކީ ރާއްޖެއިން ކުރާނެކަމެއް ނޫންކަން އިނގިރޭސި ސަރުކާރުގައި ދަންނަވާފައިވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެހެންނަމަވެސް 2010 ވަނަ އަހަރު އިނގިރޭސި ސަރުކާރުން އެ ސަރަހައްދަކީ ޕްރޮޓެކްޓެޑް ޒޯނެއްގެ ގޮތުގައި ކަނޑައެޅި ކަމަށާއި، އެހެންނަމަވެސް އެ ތަނުގެ ބައުންޑްރީ ބަހާފައި ނުވާކަމަށެވެ. މީގެއިތުރުން 2011 ވަނަ އަހަރު ރާއްޖެއިން މޮރިޝަސް ސަރުކާރާ އެކު ކުރި މަޝްވަރާގައި ނިންމާފައިވަނީ ދެ ގައުމުން އިނގިރޭސި ސަރުކާރާއެކު މަޝްވަރާ ކޮށްގެން ގޮތެއް ހޯދުމަށްކަން ނަޝީދު ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ފޯޅަވަހީގެ މައްޗަށް މޮރިޝަސްގެ ސިޔާސީ ބާރުވެރިކަން އޮތްކަމަށް ބުނާބުނުމަށް ދިވެހިރާއްޖެއިން އޭރުވެސް އެއްބަސް ނުވާ ކަމަށެވެ.

"އަޅުގަނޑުގެ މައިގަނޑު ވާހަކައަކީ، އަޅުގަނޑުމެންގެ (ދިވެހިރާއްޖޭގެ) ތަނެކޭ ފޯޅަވެއްސަކީ. ފޯޅަވެއްސަކީ އަޅުގަނޑުމެންގެ ތަނެކޭ، އެހެންވީމާ އެތަން އަޅުގަނޑުމެންނަކަށެއް ދޫކުރެވޭކަށް ނެތޭ." ރައީސް ނަޝީދު ވިދާޅުވިއެވެ.

2019 ވަނަ އަހަރު ރާއްޖެއިން ވޯޓުދިނީ ފޯޅަވެއްސަކީ މޮރިޝަސްގެ ތަނެއް ނޫންކަމަށް ބުނެކަން ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވީ 2022 ވަނަ އަހަރުގެ އޮގަސްޓް މަހު ރައީސް ސޯލިހް މޮރިޝަސް ސަރުކާރަށް ފޮނުވި ސިޓީއެއްގައި ފޯޅަވެއްސަށް މޮރިޝަސްގެ ސިޔާދަތީ ބާރުވެރިކަން އޮތްކަމަށް ގަބޫލުކުރާ ކަމަށް ބުނެފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކެއް އަޑުއިވޭ ކަމަށެވެ.

ޗާގޯސްގެ މައްސަލައިގައި ރާއްޖޭގެ ސްޓޭންޑް ބަދަލުކުރި ކަމަށްބުނެ ގިނަބަޔަކު ނުރުހުން ފާޅުކުރަމުން އަންނައިރު، ބަންޑާރަނައިބުގެ އޮފީހުން ބުނެފައިވަނީ އދ ގެ ޖެނެރަލް އެސެބްލީގައި ރާއްޖެއިން މޮރިޝަސްއާ އެއްކޮޅަށް ވޯޓު ލުމަކީ، ރާއްޖެއިން މޮރިޝަސްއާ ދެކޮޅަށް ޓްރައިބިއުނަލުގައި ވަކާލާތުކުރަމުން ގެންދާ މައްސަލަގައި ޖަވާބުދާރީވަމުން އައިސްފައިވާ އެއްވެސް ކަމަކަށް ނުވަތަ ސްޓޭންޑަށް އެއްވެސް ބަދަލެއް އަންނާނެ ކަމެއް ނޫން ކަމަށެވެ.