ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެންމެ ބޮޑުސާފު ފައިދާއެއް ހޯދީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިންކަން ހާމަވެއްޖެ އެވެ.
ޕްރައިވެޓައިޒޭޝަން ކޯޕަރޭޝަން ބޯޑް (ޕީސީބީ) ން އާންމުކޮށްފައިވާ ކުއާޓާލީ ރިޕޯޓަށް ބަލާއިރު، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެމްއޭސީއެލްއިން ވަނީ 595.3 މިލިއަން ރުފިޔާ ސާފު ފައިދާގެ ގޮތުގައި ހޯދައިފަ އެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު، 89 ޕަސެންޓްގެ ކުރިއެރުމެކެވެ. އެމްއޭސީއެލް އަށް މިއަހަރު ފުރަތަމަ ކުއާޓަރުގެ އާމްދަނީގެ ގޮތުގައި، 1.6 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ މިދިޔަ އަހަރު މިމުއްދަތާ އަޅާ ބަލާއިރު، 648 މިލިއަން ރުފިޔާ އިތުރުވުމެކެވެ.
އެމްއޭސީއެލް ފިޔަވައި އެންމެ ބޮޑު ސާފު ފައިދާއެއް ދެން ހޯދީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިންނެވެ. ގައުމީ ބޭންކް ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 553 މިލިއަން ރުފިޔާ ހޯދި އެވެ.
ޕީސީބީ ކުއާޓާލީ ރިޕޯޓުގައި ބުނި ގޮތުގައި، އެމްއޭސީއެލްގެ އާމްދަނީ އަދި ސާފު ފައިދާ އިތުރުވެފައި ވަނީ ތެޔޮ ވިއްކި މިންވަރު އިތުރުވުމާ އެކީގަ އެވެ.
ނަމަވެސް މި އަހަރު ފުރަމަތަ ކުއާޓަރުގައި އެންމެ ބޮޑު އާމްދަނީއެއް ސަރުކާރު ކުންފުނިތަކުގެ ތެރެއިން ހޯދީ އެސްޓީއޯއިންނެވެ. އެ ކުންފުނިން މި މުއްދަތުގައި 4 ބިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ހޯދައިފަ އެވެ. އެސްޓީއޯއިން ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ހޯދާފައި ވަނީ 149.9 މިލިއަން ރުފިޔާ އެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުން މިއަހަރު ފުރަތަމަ ކުއާޓަރުގައި މުޅި ޖުމްލަ އާމްދަނީއެއްގެ ގޮތުގައި 10.2 ބިލިއަން ރުފިޔާ ހޯދާފައިވެ އެވެ. އަދި ސާފު ފައިދާގެ ގޮތުގައި 1.94 ބިލިއަން ރުފިޔާ ހޯދާފައިވެ އެވެ.
މި އަހަރު ފުރަތަމަ ކުއާޓަރުގައި އެންމެ 31 މިލިއަން ރުފިޔާގެ ގެއްލުމަކާ އެކު އެންމެ ބޮޑު ގެއްލުމަކާ ކުރިމަތިވީ ވެމްކޯއަށެވެ.
ޕީސީބީގެ ރިޕޯޓުގައި ބުނީ ގެއްލުމާ ކުރިމަތިވި ގިނަ ކުންފުނިތަކުގެ އާމްދަނީ އާއި ހިންގުމުގެ ޙަރަދު ނުބައްދަލު ކަމަށެވެ. އެހެންކަމުން އެ ކުންފުނިތަކުން އާމްދަނީ އިތުރު ކުރަން ނުވަތަ ޙަރަދު ކުޑަ ކުރަން ޖެހޭ ކަމަށް ޕީސީބީން ބުންޏެވެ.