Last Updated: June 9, 13:32
Tuesday, June 9, 2026
ޚަބަރު

ގަމުގެ ކަރަންޓީން ފެސިލިޓީ އަލުން ބީލަމަށް

އައްޑޫ އެއާޕޯޓް އޮންނަ ގަން މަތިން ފެންނަ ގޮތް.

އައްޑޫ ގަމުގައި ހަދަން ނިންމާފއިވާ ކަރަންޓީން ފެސިލިޓީ ދެވަނަ ފަހަރަށް އައްޑޫ ކައުންސިލުން ބީލަމަށް ހުޅުވާލައިފި އެވެ.

ގަމުގައި ކަރަންޓީން ފެސިލިޓީއެއް އެޅުމަށް ދެވަނަ ފަހަރަށް ބީލަމަށް ހުޅުވާލީ، މި މަހުގެ ކުރީކޮޅު ބީލަމަށް ހުޅުވާލުމާ ގުޅިގެން އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައި ނުވާތީ ކަމަށް ކައުންސިލުން ބުންޏެވެ. ގަމުގައި ހަދާ ކަރަންޓީން ފެސިލިޓީ އަކީ ސަރަހައްދީ ގޮތުން ބޭނުން ކުރާނެ ކަރަންޓީން ފެސިލިޓީއެކެވެ. މި ފެސިލިޓީގެ މަސައްކަތް ގިނަ ވެގެން 160 ދުވަހުގެތެރޭ ނިންމަން ޖެހޭ ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.

މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 31 ގެ މެނދުރު 12:00 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. ބީލަމުގައި ރަޖިސްޓްރީވާން 300ރ. ގެ ފީއެއް ދައްކަން ޖެހޭ އިރު، ބިޑް ޑޮކިއުމަންޓް މިމުއްދަތުގައި ކައުންސިލް އިދާރާއިން ލިބޭނެ އެވެ.

މިކަމާ ބެހޭ ގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ ސެޝަނެއް މިއަންނަ މަހުގެ 2 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި ކައުންސިލް އިދާރާގައި އޮންނާނެ އެވެ.

ކައުންސިލުން ބުނީ ގަމުގައި ހަދަން ނިންމާފައިވާ ރީޖަނަލް ކަރަންޓީން ފެސިލިޓީގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 33،814.2ރ. ހުށަހަޅަން ޖެހޭނެ ކަމަށާއި ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ދުވަހުން ފެށިގެން 90 ދުވަސް ކަމަށެވެ. ބީލަން ހުޅުވުމާ ބީލަން ބަލައިގަތުން އޮންނާނީ އަންނަ މަހުގެ 9 ވަނަ ދުވަހު އެވެ.

އައްޑޫގައި ރީޖަނަލް ކަރަންޓީން ފެސިލިޓީއެއް ޤާއިމް ކުރުމުގެ މަސައްކަތް ކައުންސިލުން ފަށާފައިވާ އިރު، މީގެ ކުރިން ކޮވިޑުގެ ތެރޭގައި ގަމުގެ ދޫގަސް ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރި އެވެ.