Last Updated: July 22, 18:06
Thursday, July 23, 2026
ދުނިޔެ

ޔޫކޭގެ އާ ބޮޑުވަޒީރަކީ ރިޝީ

އިނގިރޭސިވިލާތުގެ އާ ބޮޑުވަޒީރު ކަމުގެ މަގާމު އެގައުމުގެ ކުރީގެ ފިނޭންސް މިނިސްޓަރު ރިޝީ ސުނާކް އަށް ލިބިވަޑައިގެންފި އެވެ.

އިނގިރޭސިވިލާތަށް އާ ބޮޑުވަޒީރަކު ހަމަޖައްސާފައި ވަނީ އެ މަގާމުގައި ކުރިން ހުންނެވި ލިޒް ޓްރަސް މި މަހުގެ 20 ގައި އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކަމަށް ވަޑައިގަންނަވާނީ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ އޮތް ކޮންޒަވޭޓިވް ޕާޓީގެ ލީޑަރު ކަމަށް ވަޑައިގަންނަވާ ބޭފުޅެކެވެ. އެގޮތުން އެ މަގާމަށް ކުރިމަތިލެވޭނީ ވެސް ކޮންޒަވޭޓިވް ޕާޓީގެ ގާނޫނު ހަދާ މަޖިލީހުގެ 100 މެމްބަރުންގެ ތާއީދު ލިބޭ ބޭފުޅުންނަށް އެކަންޏެވެ.

އެ މަގާމަށް ވާދަކުރައްވާނެކަން ރަސްމީކޮށް އިއުލާންކުރެއްވީ ރިޝީގެ އިތުރުން ހައުސް އޮފް ކޮމަންސްގެ ލީޑަރު ޕެނީ މޯޑަންޓް އެވެ. ނަމަވެސް މޯޑަންޓް މިއަދު ވަނީ ނަން އަނބުރާ ގެންދަވައިފަ އެވެ. އެހެންކަމުން އިންޑިއާ ދަރިކޮޅުގެ ރިޝީ ވަނީ އާންމު މެމްބަރުންގެ ވޯޓަކާ ނުލާ މަގާމަށް އިންތިހާބުވެފަ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން ރިޝީ އަށް ކޮންޒަވޭޓިވް ޕާޓީގެ ގާނޫނު ހަދާ މަޖިލީހުގެ 100 އަށް ވުރެ ގިނަ މެމްބަރުން ވަނީ ތާއީދުކޮށްފަ އެވެ. މޯޑަންޓް ނަން އަނބުރާ ގެންދެވި އިރު އޭނާ އަށް ލިބިފައި ވަނީ އެންމެ 25 މެމްބަރުންގެ ތާއީދު ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

ރިޝީ ވަނީ ކޮންޒަވޭޓިވް ޕާޓީގެ ލީޑަރު ހޮވަން ކުރިން ބޭއްވި އިންތިހާބުގައި ޓްރަސްއާ ވެސް ވާދަކުރައްވައި އެވެ. އެ ފަހަރު ބޮޑު ތަފާތަކުން ސުނާކް ބަލިކުރުމަށް ފަހު ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވީ ޓްރަސް އެވެ. ޓްރަސް އަކީ އިނގިރޭސި ބޮޑުވަޒީރުކަން އެންމެ ކުރު މުއްދަތަކަށް އަދާކުރެއްވި ފަރާތެވެ. އެ ކަމަނާ އިސްތިއުފާ ދެއްވީ މަގާމުގައި 45 ދުވަސް ހޭދަކުރެއްވުމަަށް ފަހު އެވެ.