Last Updated: July 26, 18:11
Monday, July 27, 2026
ޚަބަރު

ސްޓެލްކޯ، އެފްއޭއެމަށް: ބަޔާން ނުނެރެ ބިލު ދައްކާ

ބަޔާންތައް ނުނެރެ ބިލުތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް ސްޓެލްކޯ އިން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ގޮވާލައިފި އެވެ.

ސްޓެލްކޯ އިން އިއްޔެ ވަނީ އެފްއޭއެމުން ދައްކަންޖެހޭ 6.5 މިލިއަން ރުފިޔާ ނުދެއްކުމުން އެފްއޭއެމް ހިންގާ އޮފީސް އިމާރާތުން ކަރަންޓް ކަނޑާލާފަ އެވެ.

ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ ސްޓެލްކޯ އިން ރައްޔިތުންނަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް އިންވެސްޓްކުރަނީ ކަރަންޓުން ނަގާ ފީ އިން ކަމަށްވާއިރު ބިލު ނުދައްކާނަމަ ހިދުމަތްތަކަށް ބުރޫ އަރާނެ ކަމަށެވެ.

"ރައްޔިތުން ދޭ ލާރިން ރައްޔިތުންނަށް ހިދުމަތް ކުރުމަށް މި އިންވެސްޓްކުރަނީ. އެފްއޭއެމުން 6.5 މިލިއަން ރުފިޔާ ދައްކަން އޮތީމަ އަޅުގަނޑުމެން ކަރަންޓް ކަނޑާލީ އިހުލާސްތެރި ނިޔަތެއް ނެތިގެނޭ ނުބުނެވޭނެ. 6.5 މިލިއަން ރުފިޔާ އަރަންދެން ކޮން ނިޔަތެއް އޮވެގެންތޯ ތިބީ ބިލު ނުދައްކާ. އަވަހަށް ފައިސާ ދައްކަވާ." ޝަރީފް ވިދާޅުވި އެވެ.

ކަރަންޓް ކަނޑާލުމުން އެފްއޭއެމުން ނެރުނު ބަޔާނަށް އިޝާރާތް ކުރައްވަމުން ޝަރީފް ވަނީ ބަޔާން ނުނެރެ ބިލުތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް އެ އިދާރާ އަށް ގޮވާލާފަ އެވެ.

"އަޅުގަނޑުމެންވެސް ބޭނުމެއްނޫން ބަޔާން ނެރޭކަށް. ދައްކަން ޖެހޭ ބިލްތައް ހަލާސް ކުރޭ. އަޅުގަނޑުމެން ކަރަންޓު ދޭނަން." ޝަރީފް ވިދާޅުވި އެވެ.

ސްޓެލްކޯއިން އިއްޔެ ބުނީ މި ފައިސާ ނުދައްކާނަމަ، އެފްއޭއެމްގެ އެހެން އިމާރާތްތަކުން ވެސް ކަރަންޓުގެ ހިދުމަތް މެދުކަނޑާލުމަށް ވިސްނަމުންދާ ކަމަށެވެ.