ޗުއްޓީ ހޭދަކޮށްލަން އެންމެ ކަމުދަނީ ރާއްޖެ ކަމަށް ލިވަޕޫލްގެ ނެދަލޭންޑްސް ޑިފެންޑަރު ވާޖިލް ވެންޑައިކް ބުނެފި އެވެ.
ސްކައި ސްޕޯޓްސް އިން ގެނެސްދޭ "އޯވަލެޕް" ޕްރޮގްރާމްގެ ތެރެއިން ވެންޑައިކްއާ ވަނީ ފުޓްބޯޅަ އާއި އަދި އެހެނިހެން ކަންކަމާ ގުޅޭގޮތުން ޖުމްލަ 19 ސުވާލެއްކޮށްފަ އެވެ.
މެންޗެސްޓާ ޔުނައިޓެޑަށް ކުރިން ކުޅުނު ގެރީ ނެވިލް ހުށަހަޅައިދޭ މި ޕްރޮގްރާމްގައި އެންމެ ފުރަތަމަ ވެސް ވެންޑައިކްއާ ސުވާލުކުރީ ޗުއްޓީ ހޭދަކޮށްލަން އެންމެ ކަމުދާ މަންޒިލަކާ ގުޅޭގޮތުންނެވެ. އޭގެ ޖަވާބުގައި ވެންޑައިކް ބުނީ ޗުއްޓީ ހޭދަކޮށްލަން އޭނާ އަށް އެންމެ ކަމުދަނީ ރާއްޖެ ކަމަށެވެ.
ޗުއްޓީ ހޭދަކޮށްލަން 2019 ވަނަ އަހަރު ވެންޑައިކް ރާއްޖެ އައިސްފައިވާއިރު އޭނާ ބުނީ ރާއްޖެ އަކީ ރީތި ތަނެއް ކަމަށާއި ރާއްޖޭގެ ރައްޔިތުން ދެކެ ލޯބިވާ ކަމަށެވެ. އަދި އޭނާގެ އާއިލާއާ ދަރިންނަށް ވެސް ރާއްޖެ އަކީ ވަރަށް ކަމުދާ މަންޒިލެއް ކަމަށްވެސް ވެންޑައިކް ބުނެފައިވެ އެވެ.
2018 ވަނަ އަހަރު ލިވަޕޫލްއާ ގުޅުނު ވެންޑައިކް އަކީ އިނގިރޭސި ޕްރިމިއާ ލީގުގައި ތިބި އެންމެ މޮޅެތި ޑިފެންޑަރުންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ. އޭނާ ވަނީ ލިވަޕޫލާއެކު މިހާތަނަށް ޕްރިމިއާ ލީގު، ޗެމްޕިއަންސް ލީގު، އިނގިރޭސި އެފްއޭ ކަޕް އަދި ލީގު ކަޕެއް ހޯދާފަ އެވެ.
ލިވަޕޫލްގެ އިތުރުން ވެންޑައިކް އަކީ ނެދަލޭންޑްސްގެ ގައުމީ ޓީމުގައި ވެސް މުހިއްމު ދައުރެއް އަދާކުރާ ކުޅުންތެރިއެކެވެ.