Last Updated: July 17, 18:07
Friday, July 17, 2026
ކުޅިވަރު

ވޯލްޑް ކަޕުން އިރާން ބޭރުކޮށް ޔުކްރޭނަށް ޖާގަދޭން އެދިއްޖެ

އަންނަ މަހު ގަތަރުގައި ފަށާ ވޯލްޑް ކަޕުން އިރާން ބޭރުކުރުމަށްފަހު ޔުކްރޭނަށް ޖާގަދޭން ޔުކްރޭންގެ ޝަހްތަރު ޑޮނެޓްސްކްގެ ސީއީއޯ ގޮވާލައިފި އެވެ.

ޔުކްރޭންގެ އެންމެ ބޮޑު އެއް ފުޓްބޯޅަ ކްލަބު ކަމަށްވާ ޝަހްތަރު ޑޮނެޓްސްކްގެ ސީއީއޯ، ސަރްގޭ ޕަލްކިން ނެރުނު ބަޔާނެއްގައި ބުނީ ވޯލްޑް ކަޕްގައި އިރާން ކުޅެމުންދާތަން ބެލުމުގެ އުފާ އިރާންގެ އިސްވެރިންނަށް ލިބިގެންދާއިރު އިރާނުން ތައްޔާރުކޮށްފައިވާ ޑްރޯން އަދި މިސައިލްތަކުގައި ޔުކްރޭންގެ އެތައް ބަޔަކު މަރުވަމުންދާ ކަމަށެވެ.

އެގޮތުން ރަޝިއާ އިން މިހާރުވެސް އެފަދަ 250 ޑްރޯން ހަމަލާ ސުލްހަވެރިކަމާއެކު އޮތް ޔުކްރޭންގެ އެތައް ސިޓީއަކަށް ދީފައިވާ ކަމަށާއި އެތަކެތި އުފައްދައި އަދި ރަޝިއާ އަށް ފޯރުކޮށްދެމުން އަންނަނީ ސީދާ އިރާނުން ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެ ބަޔާނުގައި ވަނީ ޔުކްރޭނަށް ޓެރަރިސްޓު ހަމަލާތައް ދިނުމުގައި އިރާން ބައިވެރިވެފައިވާތީ ވޯލްޑް ކަޕުން އެގައުމަށް ޖާގަ ނުދޭން ފީފާ އަށް ގޮވާލާފަ އެވެ. އަދި އިރާންގެ މަގާމު ޔުކްރޭނަށް ދިނުމަށާއި އެންމެ އިންސާފުވެރި ގޮތަކީ އެއީ ކަމަށްވެސް ބުނެފައިވެ އެވެ.

ޔުކްރޭނުން ވޯލްޑް ކަޕް ޕްލޭއޮފްގައި ކުޅުނު ނަމަވެސް ވޭލްސް އަތުން 1-0 އިން ބަލިވުމުން އެޓީމަށް ވަނީ ވޯލްޑް ކަޕުން ޖާގަ ގެއްލިފަ އެވެ. އިރާނަކީ އޭޝިއާ ސަރަހައްދުން ވޯލްޑް ކަޕަށް އެންމެ ފުރަތަމަ ކޮލިފައިވި ޓީމެވެ. މިއީ އިރާނުން ވޯލްޑް ކަޕްގައި ކުޅޭ ހަވަނަ ފަހަރެވެ.