މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ މެމްބަރުކަމަށް ކުރިމަތިލާން ދިން މުއްދަތު ހޯމް މިނިސްޓްރީން އަނެއްކާ ވެސް އިތުރުކޮށްފި އެވެ.
އެންމެ ފަހުން ދިން މުއްދަތު މި މަހުގެ 23 އަށް ހަމަވުމާ ގުޅިގެން މިނިސްޓްރީން ބުނީ މިހާރު މުއްދަތު އަންނަ މަހުގެ 2 އާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ. މީޑިއާ ކައުންސިލަށް ކުރިމަތިލާން ހުޅުވީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގަ އެވެ.
ހޯމް މިނިސްޓްރީން ބުނީ އެމްއެމްސީގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލީ ކައުންސިލްގައި 15 މެމްބަރުންގެ ތެރެއިން 13 މެމްބަރެއްގެ ދައުރު އަންނަ ޑިސެމްބަރު މަހުގެ 14 އަށް ހަމަވާތީ ކަމަށެވެ. ދައުރު ހަމަވަނީ މީޑިއާތައް ތަމްސީލުކުރާ ހަތް މެމްބަރަކާއި އާއްމުންގެ ތެރެއިން ކައުންސިލަށް އިންތިހާބުވި ހަ މެމްބަރެއްގެއެވެ.
އާންމުންގެ ތެރެއިން ހޮވާ މެމްބަރުކަމަށް ކުރިމަތިލެވޭނީ މީޑިއާއާ ގުޅުން ހުރި އެއްވެސް ދާއިރާއެއްގައި މަސައްކަތް ނުކުރާ މީހަކަށެވެ.
މީޑިއާ ކައުންސިލަށް އެންމެ ފުރަތަމަ ފުރަތަމަ މެމްބަރުން އިންތިހާބުކޮށްފައި އޭޕްރީލް، 28، 2010 ގަ އެވެ.