ޕާކިސްތާންގެ މަޝްހޫރު ނޫސްވެރިއެއް ކަމަށްވާ އަރުޝަދު ޝަރީފް ކެންޔާގެ ފުލުހުން ދިން ހަމަލާއެއްގައި އާދީއްތަ ދުވަހު މަރާލައިފި އެވެ.
އެ ގައުމުގެ ފުލުހުން އެ ހާދިސާ މިހާރު އިތުރަށް ތަހުގީގުކުރަމުން އަންނަ އިރު، އަރުޝަދު މަރުވީ އޭނާ ދަތުރުކުރަމުން ދިޔަ ވެހިކަލެއް، މަގެއް ބަންދުކޮށްގެން ތިބި ފުލުހުން ހުއްޓުވަން މަސައްކަތްކުރި ނަމަވެސް ވެހިކަލް ނުހުއްޓުމުން ދިން ހަމަލާތަކެއްގައި ކަމަށް މީޑިއާތަކުން ބުންޏެވެ. އެ ހަމަލާގައި އަރުޝަދަށް ބޮޑެތި ޒަހަމްތަކެއް ލިބުނެވެ.
ކެންޔާގައި އޭނާ މަރުވި އިރު، އެ ގައުމަށް އަރުޝަދު ދިޔަ ސަބަބެއް ސާފު ނުވާ ކަމަށް މީޑިއާތަކުންނެވެ. މަރުގެ އިންޒާރު ދެމުން ލިބެމުންދާ ކަމަށް ބުނެ އޭނާ ޕާކިސްތާން ދޫކޮށް ދިޔައީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން އިނގިރޭސިވިލާތާއި ދުބާއީގައި ވެސް އަރުޝަދު އުޅެފައިވެ އެވެ.
އޭނަ އަކީ މި އަހަރުގެ ކުރީކޮޅު މަގާމުން ދުރުކުރި ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ވަރަށް ބޮޑު ސަޕޯޓަރެކެވެ. އަދި ޕާކިސްތާންގެ އަސްކަރިއްޔާ އަށް ވަރަށް ބޮޑަށް ފާޑުކިޔަމުން އައި ނޫސްވެރިއެކެވެ.
I am deeply saddened by the shocking news of journalist Arshad Sharif's tragic death. May Allah SWT grant him a place in Heaven. My deep condolences and prayers for the bereaved family.
— Shehbaz Sharif (@CMShehbaz) October 24, 2022
ކެންޔާގައި އަރުޝަދު މަރާލުމާ ގުޅިގެން ޕާކިސްތާނުގެ ކަރާޗީގައި އިއްޔެ އެކަމާ ދެކޮޅަށް މުޒާހަރާކޮށް ވެސް ކޮށްފައިވެ އެވެ. އަރުޝަދުގެ މަރާ ގުޅިގެން ޕާކިސްތާންގެ މިހާރުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ހިތާމަ ފާޅުކުރައްވައި ޓްވީޓް ވެސް ކުރައްވާފައިވެ އެވެ.
ނޫސްވެރިތާ މަރާލި މައްސަލަ ކެންޔާގެ އިންޑެޕެންޑެންޓް ޕޮލިސް އޯވަސައިޓް އޮތޯރިޓީ އިޕޯއާ) އިން ވެސް މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.