ރައްޔިތުންހެ މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދަކީ މަޖިލީހުގެ ތާރީހުގައި ވެސް ފެނުނު އެންމެ ހުދުމުހުތާރުވެރިޔާ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް (ރޮޒޭ) މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހެއްކާ ބެހޭ ބިލުގެ ބަހުސްގައި އޭނާ ވިދާޅުވީ ވިދާޅުވީ، ނަޝީދުގެ ރިޔާސަތިގެ ދަށުން މަޖިލީހުގެ ޖަލްސާތައް ގަވައިދާ އެއްގޮތަށް ހިނގާ ނަމަ ހުރިހާ މެމްބަރުން ވެސް ވަރަށް އުފާވާނެ ކަމަށެވެ. އެކަމަކު އެކަން އެގޮތަށް ނުހިނގާ ކަމަށް ވިދާޅުވި އެވެ.
ރޮޒޭ ވިދާޅުވީ މުޅި މަޖިލީހުގެ ކޮމީޓީ މިއަދު ހިނގަމުން ދިޔައިރު ކޮމިޓީގެ މަރުހަލާގެ ވަގުތު އިތުރު ކުރުމަށް މެމްބަރަކު ހުށަހެޅުއްވި ހުށަހެޅުމަށް ތާއީދު ލިބުމުން، އެ އަށް ވޯޓަށް އެހުމަކީ ރިޔާސަތުން ކުރައްވަން ޖެހޭ ކަމަކަށް ވިޔަސް އެއީ ރިޔާސަތަށް ލިބިދޭ އިހުތިޔާރެއް ނޫން ކަމަށެވެ.
"އަޅުގަނޑުމެންނަށް މިހާރު މި ވަގުތު ފެނިގެން މި ދަނީ މި މަޖިލީހުގެ ތާރީހުގައި އެންމެ ހުދުމުހުތާރުކޮށް މަޖިލިސް ހިންގަވާ ރައީސް،" އޭނާ ވިދާޅުވި އެވެ. "ވަރަށް ހިތާމަ ކުރަން މި ވާހަކަ ދައްކަން ޖެހޭތީ [ވެސް]."
ރޮޒޭ ވިދާޅުވި ގޮތުގައި އޭނާ މަޖިލީހުގައި މަސައްކަތްކުރައްވާ 15 އަހަރުވެފައި ވަނީ ކަމަށާއި މަޖިލީހުގެ މި ދައުރައިގައި ނަޝީދުގެ ހުދުމުހުތާރުކަމުގެ ވާހަކަ ނުދައްކަވައި މެމްބަރުން ތިއްބަވަނީ ކެތްކޮށްގެން ކަމަށެވެ. ނަމަވެސް މިހާރު އެ ވާހަކަ ނުދައްކައި ތިބެވޭކަށް ނެތް ވިދާޅުވި އެވެ.

"ފުރަތަމަ ވެސް މަޖިލިސް ފަށައިގަނެގެން އައިއިރު ވިދާޅުވި މަޖިލީހުގެ ގަވައިދަކީ ތިމަންނާ އޭ،" އޭނާ ވިދާޅުވި އެވެ. "އެގޮތަށް އަމަލު ކުރަމުން ދާތަން މިހާރު މި ފެންނަނީ. އަޅުގަނޑުމެންނަށް ވެސް އެނގޭ މަޖިލީހުގެ ރައީސްކަމުގައި ހުންނެވި ބޭފުޅާ އަކީ ކުރީގެ ރައިސުލްޖުމްހޫރިއްޔާ ކަން ކުރައްވާފައި ހުންނެވި ބޭފުޅެއްކަން. އެހެން ނަމަވެސް މިއީ ރައީސް އޮފީހެއް ނޫން. މިއީ ރައްޔިތުންގެ މަޖިލިސް. މި ތަނުގައި މަޖިލީހުގެ ސްޕީކަރަކަށް ރައީސުލްޖުމްހޫރިއްޔާ އަށް ލިބިފައި އޮންނަ ބާރެއް ނޯވޭ."
އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައިސްގެ މަގާމުގައި ހުންނެވި ރޮޒޭ އަކީ މި ފަހަކަށް އައިސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ މެމްބަރެކެވެ. އެގޮތުން މި ފަހުން ބޭއްވި އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ތެރޭގަ އާއި ނަޝީދު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ މައްޗަށް ތުހުމަތުރެެއްވި ބަދުއަހުލާގީ މައްސަލަ އާއި ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު އެއްޖިންސުން ގުޅުން ހިންގި މައްސަލައާ ގުޅިގެން ވެސް ނަޝީދަށް ރޮޒޭ ވަރަށް "އެއްޗެހ ކިޔާފައިވެ" އެވެ.