Last Updated: July 22, 18:06
Thursday, July 23, 2026
ދުނިޔެ

ރިޝީ އަށް މޯދީ މަރުހަބާ ވިދާޅުވެއްޖެ

އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމާ ރިޝީ ސުނާކް ރަސްމީކޮށް ހަވާލުވެވަޑައިގަންނަވަން ތައްޔާރުވަމުން އަންނަ އިރު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އޭނާ އަށް މަރުހަބާ ވިދާޅުވެއްޖެ އެވެ.

އުމުރުން 42 އަހަރުގެ ރިޝީ އަކީ އިންޑިއާ ދަރިކޮޅުގެ ބޭފުޅެކެވެ. އަދި އޭނަ އަކީ އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަންނަވާ އިންޑިއާގެ ދަރިކޮޅުގެ ފުރަތަމަ ބޭފުޅާ ވެސް މެ އެވެ. ރިޝީ އަށް މަރުހަބާ ވިދާޅުވެ މޯދީ ކުރެއްވި ޓްވީޓެއްގައި އޭނަގެ ބޮޑުވަޒީރުކަމުގެ ދަށުން ގާތުން މަސައްކަތްކުރައްވަން ބޭނުންވާ ކަމަށާއި 2030 ކަނޑައަޅާފައި ރޯޑްމެޕް ތަންފީޒުކުރަން ވެސް ދެ ގައުމުން ގުޅިގެން މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

މޯދީ ވިދާޅުވީ އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމަށް ރިޝީ ވަޑައިގެންނެވުމަކީ އިނގިރޭސިވިލާތުގައި އުޅޭ އިންޑިއާގެ މީހުންނާ ދެމެދު އެޅޭ ވަރުގަދަ ފާލަމަކަށް ވެސް ވާނެ އެވެ.

ރިޝީ އިއްޔެ މަގާމު ކަށަވަރުވީ މަގާމަށް ވާދަކުރައްވާނެކަން ކުރިން އިއުލާންކުރެއްވި ހައުސް އޮފް ކޮމަންސްގެ ލީޑަރު ޕެނީ މޯޑަންޓް ނަން އަނބުރާ ގެންދެވުމާ ގުޅިގެންނެވެ. އެހެންވެ ވޯޓަކާ ނުލައި އޭނާ މަގާމަށް އިންތިހާބުވީ އެވެ.

ރިޝީ އަކީ ބޮޑުވަޒީރުކަމުގައި 45 ދުވަސް ހޭދަކުރެއްވުމަށް ފަހު މި މަހުގެ 20 ގައި އިސްތިއުފާ ދެއްވި ލިޒް ޓްރަސް މަގާމަށް ވަޑައިގެންނެވި އިރު އޭނައާ އެންމެ ބޮޑަށް ވާދަކުރެއްވި ބޭފުޅާ ވެސް މެ އެވެ.

މޯދީގެ އިތުރުން އިންޑިއާގެ ވަރަށް ގިނަ ބަޔަކު އަންނަނީ ރިޝީ އަށް މަރުހަބާ ކިޔަމުންނެވެ. އެގޮތުން ފިލްމީ ތަރި އަކްޝޭ ކުމާރުގެ އަންހެނުން ކުރީގެ ބަތަލާ ޓްވިންކަލް ކަންނާ ވެސް އެކަން އިންޑިއާ އަށް ލިބުނު ފަހުރެއްގެ ގޮތުގައި ފާހަގަކޮށްފައިވެ އެވެ.