އެމެރިކާގެ ކުރީގެ ޑިފެންސް ސެކެޓްރީ، އޭޝް ކާޓާ އަވަހާރަވެއްޖެ އެވެ.
ކާޓާ ،68، އަވަހާރަވެފައިވަނީ މެޔަށް ތަދެއް އަރައިގެން ކަމަށް އޭނާގެ އާއިލާ އިން ވަނީ ބުނެފަ އެވެ.
އެމެރިކާގެ ޑިފެންްސް ސެކެޓްރީގެ މަގާމު ކާޓާ ފުރުއްވީ އެގައުމުގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގެ ފަހު ދެ އަހަރު އެވެ. ކާޓާ އަކީ އެމެރިކާގެ 25 ވަނަ ޑިފެންސް ސެކެޓްރީ އެވެ.
އެމެރިކާގެ އަސްކަރިއްޔާ އިން އައިއެސް ޖަމާއަތާ ދެކޮޅަށް ކުރަމުންދިޔަ މަސައްކަތުގައި ގިނަ ކާމިޔާބީތަކެއް ކާޓާ ޑިފެންސް ސެކެޓްރީގެ މަގާމު ފުރުއްވި ދުވަސްވަރު ވަނީ ހާސިލުކޮށްފަ އެވެ. އެގޮތުން އެ ޖަމާއަތުގެ ބާރު ސީރިޔާ އަދި އިރާގުން ކުޑަކުރުމުގައި ކާޓާ ވަނީ މުހިއްމު ރޯލެއް އަދާކޮށްފަ އެވެ.
އައިއެސް އުފެދިގެން އައި ދުވަސްވަރު އެ ޖަމާއަތުން ސީރިއާ އަދި އިރާގުގެ ބައެއް ސަރަހައްދުތައް ހިފައިގެން އުޅުނު ނަމަވެސް އެ ޖަމާއަތުގެ ބާރު އެ ދެ ގައުމުގައި ވެސް މިހާރު ވަނީ ވަރަށް ބޮޑުތަނުން ކުޑަވެގެން ގޮސްފަ އެވެ. ނަމަވެސް އެ ޖަމާއަތުގެ ހަނގުރާމަވެރިން އަދިވެސް ދެ ގައުމުގައި ކޮންމެވެސް ވަރަކަށް އުޅެމުންދެ އެވެ.
މީގެއިތުރުން ކާޓާ ވަނީ ޑިފެންސް ސެކެޓްރީގެ މަގާމު ފުރުއްވިއިރު ފުރަތަމަ ފަހަރަށް އަންހެނުންނަށް އެމެރިކާގެ އަސްކަރިއްޔާގެ ހުރިހާ ދާއިރާއަކުން ފުރުސަތުތައް ވެސް ހުޅުވާލާފަ އެވެ.