ބެންފީކާ އަތުން 4-3 އިން ބަލިވެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ޔުވެންޓަސް ކަޓައިފި އެވެ.
ރޭގެ މެޗުން ބަލިވުމުން ކުޅުނު ފަސް މެޗުން ލިބުނު ތިން ޕޮއިންޓާ އެކު ޔުވެންޓަސް އޮތީ ގްރޫޕް އެޗްގެ ތިންވަނައިގަ އެވެ. މި ގްރޫޕުން މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފައިވަނީ ޕީއެސްޖީ އާއި ބެންފީކާ އެވެ. އެ ދެ ޓީމަށް ވެސް ވަނީ ފަސް މެޗުން 11 ޕޮއިންޓް ލިބިފަ އެވެ. ގްރޫޕްގެ ފުލުގައި ތިން ޕޮއިންޓާ އެކު އޮތީ މަކަބީ ހައިފާ އެވެ. މި ގްރޫޕްގައި ކޮންމެ ޓީމަކަށް ވެސް ބާކީ އަދި އެއް މެޗު އޮންނާނެ އެވެ.
މިއީ 2013 ވަނަ އަހަރަށްފަހު ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ޔުވެންޓަސް ކެޓި ފުރަތަމަ ފަހަރެވެ.
ބެންފީކާގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ 17 ވަނަ މިނެޓްގައި އެންޓޯނިއޯ ސިލްވާ ވަނީ ބެންފީކާ އަށް ލީޑު ނަގާފަ އެވެ. މެޗުގެ 21 ވަނަ މިނެޓްގައި މޮއިސް ކީން ޔުވެންޓަސް އަށް ނަތީޖާ އެއްވަރުކޮށްދިން ނަމަވެސް މެޗުގެ 28 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ޖައޯ މާރިއޯ ވަނީ ބެންފީކާ އަށް އަލުން ލީޑު ނަގާދީފަ އެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން ރަފާ ސިލްވާ ވަނީ ބެންފީކާގެ ތިންވަނަ ގޯލް ކާމިޔާބުކޮށްދީފަ އެވެ.
ދެވަނަ ހާފްގައި ވެސް ބެންފީކާ އިން ރަނގަޅަށް ކުޅެމުންދިޔައިރު މެޗުގެ 50 ވަަނަ މިނެޓްގައި އެޓީމުގެ ހަތަރުވަނަ ގޯލް ވެސް ކާމިޔާބުކޮށްދިނީ ރަފާ ސިލްވާ އެވެ. ޔުވެންޓަސްގެ ފަހު ދެ ގޯލް މި މެޗުގައި ކާމިޔާބުކޮށްދިނީ މިލިކް އާއި ވެސްޓަން މެކެނީ އެވެ.
ޗެމްޕިއަންސް ލީގުން ޔުވެންޓަސް ކެޓިއިރު ރަށުން ބޭރުގައި ރެޑްބުލް ސަލްޒްބާގް 2-1 އިން ބަލިކުރުމަށްފަހު ޗެލްސީން ވަނީ މުބާރާތުގެ ދެވަނަ ބުރުން ރޭ ޖާގަ ކަށަވަރުކޮށްފަ އެވެ. އަދި މެންޗެސްޓާ ސިޓީއާ ލަނޑެއް ނުޖެހި އެއްވަރުވުމުން ބްރޫޝިއާ ޑޯޓްމަންޑް ވެސް މުބާރާތުގެ ދެވަނަ ބުރަށް ވަނީ ދަތުރުކޮށްފަ އެވެ.