ސިޔާސީ ޕާޓީތަކަށް ހާއްސަކޮށްގެން މިހާރު ބޭނުން ކުރަމުން އަންނަ ފޯމުތަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބަދަލުތަކެއް ގެންނަން ނިންމުމާ ގުޅިގެން ތައާރަފުކުރާ އާ ފޯމްތައް އަންނަ މަހުގެ 15 އިން ފެށިގެން ބޭނުންކުރާ ގޮތަށް ހަމަޖައްސައިފި އެވެ.
އީސީން ބަދަލުތަކެއް ގެނެސް އަލަށް ބޭނުންކުރަން ނިންމީ ތިން ފޯމެކެވެ. މީގެ ތެރޭގައި ހިމެނެނީ ޕާޓީތަކުގެ މެމްބަރުންނަށް ވުމަށް އެދި ހުށަހަޅަން ޖެހޭ ފޯމާއި ސިޔާސީ ޕާޓީތަކުގެ ދަފުތަރަށް ޝަކުވާ ހުށަހަޅާ ފޯމުގެ އިތުރުން އަލަށް އުފެއްދުމަށް އެދި ހުށަހަޅާ ޕާޓީގެ މެމްބަރުކަމަށް ވުމަށް އެދޭ ފޯމެވެ.

ފޯމުތަކަށް ގެނައި އެންމެ ބޮޑު އެއް ބަދަލަކީ ހެކިންގެ އިނގިލީގެ ނިޝާން ޖަހަން ޖެހޭ ގޮތަށް ފޯމްތައް ފަރުމާކޮށްފައިވުމެވެ. ޖަހަން ޖެހެ އެވެ. މިހާރު ބޭނުންކުރާ ފޯމްތަކަށް އިނގިލީގެ ނިޝާން ބޭނުމެއް ނުވެ އެވެ. މިފަދަ ބަދަލެއް ގެނައި އެންމެ ބޮޑު ސަބަބަކީ އޮޅުވާލައިގެން ޕާޓީތަކަށް މެމްބަރުން ވެއްދުމާއި މެމްބަރުންނަށް ނޭނގި އެއް ޕާޓީ އަށް ބަދަލުކުރާ މައްސަލަތަކާ ހެދި އެވެ.
އާ ފޯމަށް ބަލާ އިރު ފާހަގަކުރެވޭ އަނެއް ބަދަލަކީ މެމްބަރަކަށްވާން އެދޭ ފޯމްގައި ޕާޓީ އަށް ވަންނަ މީހާގެ ފޮޓޯ އާއި ސޮއިކުރާ މީހާގެ މަންމަގެ މައުލޫމާތު ވެސް ހިމަނަންޖެހުމެވެ.
އީސީން ބުނީ ފޯމަށް ބަދަލު ގެންނަން ނިންމީ ސިޔާސީ ޕާޓީތަކާ ވެސް މަޝްވަރާކުރުމަށް ފަހު އެވެ. އާ ފޯމް އަންނަ މަހު ބޭނުންކުރަން ފަށާތީ އަދި މިހާރު ޕާޓީތަކުން ފުރަމުން އަންނަ ފޯމުތަކާއި ފުރާފައިވާ ފޯމުތައް އަންނަ މަސް ފެށުމުގެ ކުރިން އީސީ އަށް ހުށަހެޅުމަށް ވެސް ވަނީ ޕާޓީތަކަށް އަންގައިފަ އެވެ.