ތުރުކީގެ ވިޒިއޮން ވިލާ ކުންފުނިން އައްޑޫގައި ހަދާ ގެތަކުގެ މޮޑެލް މި ހަފުތާ ތެރޭގައި އައްޑު އަށް ގެނެވޭނެ ކަމަށް އައްޑޫ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
މި މަޝްރޫއާ ގުޅޭ ގޮތުން އޭނާ ވިދާޅުވީ މި ހަފުތާގެ ތެރޭގައި މޮޑެލްތައް އައްޑުއަށް ގެނެވޭނެކަމުގެ މައުލޫމާތު ތުރުކީ ކުންފުނިން ދީފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭ އާންމުނަށް އެ މޮޑެލްތައް ދައްކައިލަވޭ ވަރު ވާނެ ކަމަށް މޭޔަރު ވިދާޅުވި އެވެ.
ތުރުކީގެ ވިޒިޔޮން ވިލާ އިން އައްޑޫގައި އަޅަން ހަމަޖެހިފައި ވަނީ ޕްރީ ފެބްރިކޭޓެޑް ރެޒިޑެންޝަލް ހައުސިންގް ޔުނިޓްތަކެކެވެ. އަދި އެކުންފުނިން 1،000-2،000 ދެމެދު ހައުސިން ޔުނިޓް އައްޑޫގައި އެޅުމަށް ކައުންސިލާ އެކު އެއްބަސްވުމަކަށް އައީ މި އަހަރުގެ ޖެނުއަރީ މަހުގެ 13 ގަ އެވެ.
ނިޒާރު ވިދާޅުވީ އެކުންފުނިން އައްޑު އަށް ގެންނަނީ ކިތަށް މޮޑެލްކަން ޔަޤީން ނުވިޔަސް، ހަތަރު ވަރަކަަށް މޮޑެލް އަންނަނާނެ ކަމަށް ޤަބޫލު ކުރެވޭ ކަމަށެވެ. އަދި ކޮންޓެއިނާތައް މާދަމާ ނުވަތަ ހުކުރު ދުވަހު އައްޑު އަށް އަންނާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވިދާޅުވި އެވެ.
އައްޑޫގައި ބޯހިޔާ ވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކައުންސިލުން ކުރިއަށް ގެންދާ މި މަޝްރޫޢުގެ ދަށުން، އައްޑޫގައި ބިން ލިބުމަށް ފަހު ވެސް މާލީ ފުދުންތެރިކަން ނެތް މީހުންނަށް މި މަޝްރޫޢުގެ ތެރެއިން ގެ އަޅައި ދިނުމަށް ހަމަޖެހިފައިވެއެވެ. އަދި މިކަމަށް ގިނަ ރައްޔިތުން މިހާރު ވެސް އެދެމުން އަންނަ ކަމަށް ނިޒާރު ވިދާޅުވި އެވެ.
"ދުނިޔޭގެ މާކެޓުގައި އަގުތަކަށް ވަރަށް ބޮޑަށް ބަދަލު އައިސްފި. އޭގެ އަސަރު މިކަމަށް ވެސް ކުރާނެ. އަގުތައް މި ވަނީ އުފުލިފައި. އެކަމަކު ޤަބޫލު ކުރެވެނީ މިހާރު ގެ އަޅާ އަގަށް ވުރެ 40 ޕަސަންޓު ކުޑަކޮށް، ތިން ކޮޓަރީގެ ގެއެއް އެޅޭނެ ކަމަށް،" އޭނާ ވިދާޅުވި އެވެ. "އަނެއްކާ ވިއްސަކަށް ވަރަކަށް ދުވަހުގެ ތެރޭ ގޭގެ މަސައްކަތް އެއްކޮށް ނިންމައި ހަވާލު ކުރެވޭނެ ކަމަށް މި ބަލަނީ. ވަރަށް ބޮޑު ކުރިއެރުމެއް މިއީ."
އައްޑޫގައި ކުރިއަށް ގެންދަން ނިންމާފައިވާ މި ސޯޝަލް ހައުސިން ޔުނިޓް އެޅުމަށް ކައުންސިލުން ވިޒްޔޮމް ވިލާގެ އިތުރުން ޗައިނާގެ ބީޔޫސީއެންޖީ ކުންފުންޏާ އެކު ވެސް ޖެނުއަރީ މަހު އެއްބަސްވުމެއްގައި ސޮއިކުރި އެވެ.
އޭރު މޭޔަރު ވިދާޅުވެފައި ވަނީ މަޝްވަރާ ކުރެވިފައި އޮތް ގޮތަށް ބަލާ އިރު، ރާއްޖޭގެ މާކެޓްގައި މިހާރު ގެތައް ލިބެން ހުރި އަގުތަކަށް ބަލައި ވަރަށް ހެޔޮ އަގުތަކެއްގައި ގެ އެޅުމުގެ ފުރުސަތު އައްޑޫގެ ރައްޔިތުންނަށް ފަހިވާނެ ކަމަށެވެ.