Last Updated: June 15, 03:58
Monday, June 15, 2026
ޚަބަރު

އިމްރާނާއި ހަމީދު ފުލުހުންގެ މުއައްސަސާ ފެއިލްކޮށްފި

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ފުލުހުންގެ މުއައްސަސާ މުޅިން ފެއިލްކޮށްފައިވާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

އިއްޔެ ގދ. ހޯޑެއްދޫގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހަކު މަރުވި މައްސަލާގައި ފުލުހުންނަށް ބޮޑެތި ތުހުމަތުތަކެއް އަމާޒުވެފައިވާ އިރު އަދި އެކަމާ ގުޅިގެން މަޖިލީހަށް މިއަދު ކުއްލި މައްސަލަ ބަލައިނަތުމާ ގުޅިގެން ޖަމީލު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އެމްޑީޕީ އަށް ވެސް ފާޑު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފުލުހުންގެ އޮޕަރޭޝަންތަކުގައި ހައްޔަރުގައި މީހުން މަރުވުން އެ ޕާޓީ އަށް މިހާރު ބަރާބަރު ކަމަކަށް ވެއްޖެ ކަމަށެވެ.

"މިކަން ހިންގި ފުލުހުން ސަސްޕެންޑްކޮށް، ތަހުގީގު ނުކުރެވެންވީ ކީއްވެ؟ ހަމީދާއި އިމްރާން މުއައްސަސާ މުޅިން ފެއިލްކޮށްލައިފި،" ޖަމީލު ވިދާޅުވި އެވެ. "އެމްޑީޕީ އަށް [މިހާރު] އޮތީ ގަދަޔަށް ކައިގެން މަޖާކުރުން އެކަނިބާ؟"

ހޯޑެއްދޫގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފަހުން މަރުވީ އިބްރާހީމް ރަޝީދު (މާޓީ) ކިޔާ 43 އަހަރުގެ މީހެކެވެ. އޭނަގެ މަރާ ގުޅިގެން ފުލުހުންނަށް އަމާޒުވި ފާޑުކިޔުންތަކާ ހެދި މަރުވި ސަބަބުން ދެނެގަތުމަށް އޮޓޮޕްސީ ހަދަން އިންޑިއާ އަށް ފޮނުވަން ރޭ ހަށިގަނޑު ވަނީ މާލެ ގެންގޮސްފަ އެވެ.

މާޓީގެ މަތުގެ މައްސަލަ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނަން (އެންއައިސީ) އާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އާ ހިއްސާކޮށް ތަހުގީގުކޮށް ދިނުމަށް ފުލުހުން އެދިފައިވެ އެވެ.