Last Updated: July 26, 18:11
Monday, July 27, 2026
ޚަބަރު

މަޖިލިސް މެމްބަރުންނަށް ސައީދު ބިރެއް ނުދައްކާ

ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރުންނަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ބިރު ދައްކާ ކަމަށް ބުނެ ދައްކަމުންދާ ވާހަކަތައް އެ ކުންފުނިން ދޮގުކޮށްފި އެވެ.

ފެނަކަ އިން ނެރުނު ބަޔާނެއްގައި ބުނީ ސައީދު، ވަޓްސްއެޕް ގްރޫޕެއް ހަދައިގެން އެމްޑީޕީގެ މަޖިލީސް މެމްބަރުންނަށް ބިރުދައްކަމުންދާ ކަމަށް، މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ އިބްރާހީމް ރަޝީދު ވިދާޅުވެފައިވާ ވާހަކަ އަކީ އެއްވެސް ޙާލަތެއްގައި އެއްވެސް މިންވަރެއްގެ ހަޤީޤަތެއް އެކުލެވޭ ވާހަކައެއް ނޫން ކަމަށެވެ.

އެގޮތުން ތުހުމަތުކޮށްފައިވާ ވަޓްސްއެޕް ގްރޫޕްއަކީ ވުޖޫދުވެފައި ވެސް ނުވާ ގްރޫޕެއް ކަމަށްވާއިރު، ސައީދުގެ ފަރާތުން އެފަދަ ވަޓްސް އެޕް ގްރޫޕް ނުވަތަ އެ ނޫން އެފަދަ އެހެން ޕްލެޓް ފޯމެއްގައިވެސް، އެއްވެސް މަޖިލީސް މެމްބަރަކަށް ނުވަތަ އެނޫން ފަރާތަކަށް ވިޔަސް، އެއްވެސް ސިފައެއްގައި ނުފޫޒު ފޯރުވައި ބިރުދައްކައި ހެދުމުގެ ގޮތުން މިހާތަނަށް މުޢާމަލާތެއް ކޮށްފައި ނުވާނެކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމަށް ފެނަކަ އިން ބުނެ އެވެ.

"މި ކުންފުނިން ވަޒީފާ ދިނުމުގައްޔާއި ޕްރޮޖެކްޓްތައް ހިންގުމުގައި އެއްވެސް ސިޔާސީ ނުވަތަ ޒާތީ ނުފޫޒެއް ނުހިމެނޭނެ ކަމުގެ ޔަގީންކަން އަރުވަމެވެ. މި ކުންފުނީގެ އެންމެހައި މަސައްކަތްތައް ރޭވި ބައްޓަންކުރެވިފައިވަނީ، ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ދެމެހެއްޓެނިވި ގޮތަށް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަށް އަދުގެ ސަރުކާރުން އެކަށައަޅުއްވާފައިވާ ސިޔާސަތުތަކުގެ މައްޗަށް ހާމަކަން ބޮޑު ދެފުށް ފެންނަ ގޮތަކަށެވެ." އެ ބަޔާނުގައިވެ އެވެ.

ފެނަކަ އިން ބުނީ މިފަދަ ހަޤީޤަތެއް ނެތް ވާހަކައެއް ފެތުރުމުގެ ހަމައެކަނި މަޤްޞަދަކީ، ކުންފުނީގެ މެނޭޖިން ޑައިރެކްޓަރގެ އަބުރު ނަގާލުމާއި، އާންމުންގެ މެދުގައި ކުންފުންޏާއި ދޭތެރޭ އޮންނަ އިތުބާރާއި ކުންފުންޏާއި ދޭތެރޭ ރައްޔިތުން ދެކޭ ތަޞައްވަރު ކިލަނބު ކޮށްލުމުގެ ބޭނުމުގައި ކަމަށެވެ.

ސައީދަކީ ފެނަކައާ މެދު ރައްޔިތުންގެ އިތުބާރު ހޯދައި ދެއްވުމުގައި ދެމެހެއްޓެނިވި ގޮތެއްގައި އިޚްލާސްތެރި މަސައްކަތް ކޮށްދެއްވަމުންދާ ފަރާތެއް ކަމަށާއި އެފަދަ ފަރާތަކާއި މެދު މިފަދަ ހަޤީޤަތެއް އަސާސެއް ނެތް ވާހަކަތައް ފަތުރަމުން ގެންދިޔުމަކީ ކުންފުންޏާއި މުވައްޒަފުން ކަންބޮޑުވެ ހިތާމަކުރާ ކަމެއް ކަމަށްވެސް ބުނެފައިވެ އެވެ.