Last Updated: July 17, 18:07
Friday, July 17, 2026
ކުޅިވަރު

ބާސެލޯނާ ޗެމްޕިއަންސް ލީގުން ކަޓައިފި

ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ސްޕެއިންގެ ބާސެލޯނާ ކަޓައިފި އެވެ.

ބާސާ މުބާރާތުން ކެޓީ އިންޓަ މިލާނުން މިރޭ އަމިއްލަ ދަނޑުގައި ވިކްޓޯރިއާ ޕްލެޒެންގެ މައްޗަށް 4-0 އިން ކުރި ހޯދުމާ ގުޅިގެންނެވެ. މި މޮޅާއެކު މުބާރާތުގެ ދެވަނަ ބުރުން އިންޓަ މިހާރު ވަނީ ޖާގަ ކަށަވަރުކޮށްފަ އެވެ. މި މެޗުގައި އިންޓަގެ ތިން ގޯލުގެ ތެރެއިން ދެ ގޯލް ކާމިޔާބުކޮށްދިނީ އެޑިން ޒެކޯ އެވެ. އަނެއް ދެ ގޯލް ކާމިޔާބުކޮށްދިނީ ހެންރިކް މިކިތާރިޔަން އާއި ރޮމެލޫ ލުކާކޫ އެވެ.

މި މެޗުން މޮޅުވުމުން އިންޓަ އޮތީ ކުޅުނު ފަސް މެޗުން ލިބުނު 10 ޕޮއިންޓާ އެކު ގްރޫޕް ސީގެ ދެވަނައިގަ އެވެ. މި ގްރޫޕްގެ އެއްވަނައިގައި ހަތަރު މެޗުން ލިބުނު 12 ޕޮއިންޓާ އެކު އޮތީ ބަޔާން މިއުނިކެވެ. ބަޔާން ވެސް މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދާފައިވާއިރު ބާސާ އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު ހަތަރު ޕޮއިންޓާ އެކު ގްރޫޕްގެ ތިންވަނައިގަ އެވެ. ގްރޫޕްގެ ފުލުގައި ޕޮއިންޓެއް ނުލިބި އޮތީ ޕްލެޒެން އެވެ.

ބާސާ އަށް ގްރޫޕްގައި ބާކީ ދެ މެޗު އޮތް ނަމަވެސް އެ ދެ މެޗުން އެޓީމު މޮޅުވިޔަސް ދެން އިންޓަ އަށް ވުރެ ކުރިއަށް ނޭރޭނެ އެވެ. އެގޮތުން ބާސާ އިން އިންޓައާ ޕޮއިންޓުގެ ގޮތުން އެއްވަރު ކުރިޔަސް ހެޑް ޓު ހެޑުން ކުރި ލިބޭނީ އިންޓަ އަށެވެ.

ޗެމްޕިއަންސް ލީގުން ކެޓުމުން ބާސާ ދެން ކުޅޭނީ ޔޫރޮޕާ ލީގުގެ ޕްލޭއޮފްގަ އެވެ. ޕްލޭއޮފްގައި ބާސާ ކުޅޭނީ ޔޫރޮޕާ ލީގުގެ ގްރޫޕްތަކުގެ ތެރެއިން ދެވަނައަށްދާ ކޮންމެވެސް ޓީމަކާ އެވެ. ބާސާ އިން ވަނީ މިދިޔަ ފަހަރު ވެސް ޔޫރޮޕާ ލީގުގައި ކުޅެފަ އެވެ. މިދިޔަ ފަހަރު ބާސާ ޔޫރޮޕާ ލީގުގެ ސެމީފައިނަލަށް ދަތުރުކުރި ނަމަވެސް ސެމީގައި ޖަރުމަނުގެ ފްރެންކްފާޓް އަތުން އެޓީމު ވަނީ ބަލިވެފަ އެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ބާސާ ކެޓިއިރު އެޓީމުން މި ސީޒަނަށް ވަނީ ޓީމު ވަރުގަދަ ކުރަން ގިނަ ކުޅުންތެރިންތަކެއް ގެނެސްފަ އެވެ. އޭގެތެރޭގައި ބަޔާނަށް ކުޅެމުން އައި ރޮބަޓް ލެވެންޑޯސްކީ ވެސް ހިމެނެ އެވެ.

ޗެމްޕިއަންސް ލީގުގައި ބާސާ އިން މިރޭ އަމިއްލަ ދަނޑުގައި ނިކުންނާނީ ބަޔާންއާ ދެކޮޅަށެވެ.