ރާއްޖޭގެ އެންމެ ބޮޑު އެއް ޕްރައިވެޓް ހޮސްޕިޓަލް ކަމަށްވާ އޭޑީކޭ އަށް ހުޅުމާލޭގައި ހޮސްޕިޓަލެއް ތަރައްގީކުރުމުގެ ފުރުސަތު ފަހިވެއްޖެ އެވެ.
މިކަމުގެ އެއްބަސްވުމުގައި އޭޑީކޭ އާއި ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ދެމެދު އިއްޔެ ވަނީ ސޮއި ވެސް ކޮށް އެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރަން ނިންމާފައިވާ ހޮސްޕިޓަލާ ބެހޭ ގޮތުން އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް ވިދާޅުވީ އެޗްޑީސީއާ އެއްކޮށް ވެވުނު އެއްބަސްވުމަކީ ފްރޭމްވޯކް އެއްބަސްވުމެއް ކަމަށެވެ. އަދި މި އަހަރުގެ ޖެނުއަރީ މަހު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ސިއްހީ ޚިދުމަތް ދޭ މެޑިކަލް ފެސިލިޓީއެއް ހަދާނެ ބަޔަކު ހޯދަން ބީލަމަށް ހުޅުވުމުން އޭޑިކޭ އިން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅި ކަމަށް އައްފާލް ވިދާޅުވި އެވެ.
"އެޗްޑީސީން ކުރި އެސެސްމެންޓް ތަކަކަށްފަހު އޭޑީކޭގެ އީއޯއައި އަކީ ހޮސްޕިޓަލެއް އަޅަން އެމީހުންނަށް ލިިބިފަ ހުރި އީއޯއައީތަކުގެ ތެރެއިން އެންމެ ރަނގަޅު އީއޯއައި ކަމަށް އެޗްޑީސީއަށް ގަބޫލު ކުރެވޭތީ، ހޮސްޕިޓަލެއް އެޅުމުގެ އެގްރީމެންޓްގައި ސޮއިކުރުމުގެ ފުރުސަތު ލިބުނީ،" އޭނާ ވިދާޅުވި އެވެ.
އަފްއާލް ވިދާޅުވީ އިއްޔެ ސޮއިކުރީ ފްރޭމްވޯކް އެގްރީމެންޓެއްގައި ކަމަށްވާތީ އެ އެއްބަސްވުމަކީ ހޮސްޕިޓަލް އަޅަން ފެށުމަށް އޮތް އެއްބަސްވުމެއް ނޫން ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ އެއްބަސްވުމުގެ ދަށުން، އޭޑީކޭ އިން ހުށަހަޅާ ހޮސްޕިޓަލް ނުވަތަ ސިއްހީ ޚިދުމަތްދޭ މަރުކަޒު އެޅުމަށް ބޭނުންވާ ކޮންސެޕްޓްތައް ތައްޔާރުކުރުމަށް ފަހު އެ ކޮންސެޕްޓްތަކާ ބެހޭ ގޮތުން ކުރިއަށް އޮތް ހަ މަސް ދުވަސް ތެރޭގައި އެޗްޑީސީއާ އެކު އެއްބަސްވުމަކަށް އާދެވޭތޯ މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
"އެ ހިސާބުން އަދި އެނގޭނީ އެގްރީމެންޓަކަށް އައިސް އެ ހޮސްޕިޓަލް އެޅުމައިގެން ކުރިއަށް ދެވޭނެތޯ. ކިހާ ދުވަހަކުންތޯ އެ ހޮސްޕިޓަލް އެޅޭނީ. މިކަހަލަ މައުލޫމާތު،" އަފްއާލް ވިދާޅުވި އެވެ.
އޭޑީކޭ އިން މިހާރު ހޮސްޕިޓަލުގެ ކޮންސެޕްޓް ކުރެހުމުގެ މަސައްކަތް ރިޔަން ޕްރައިވެޓް ލިމިޓެޑާއެކު ވެސް އިއްޔެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
އަފްއާލް ވިދާޅުވީ ދެވަނަ ފިޔަވަހީގައި ގާއިމުކުރާ ހޮސްޕިޓަލު ވާނީ އެންމެ މަތީ ފެންވަރުގެ ސިއްހީ ޚިދުމަތް ދޭ ތަނަކަށެވެ. އެގޮތުން އޭޑިކޭ އިން މިހާރު ހުށަހަޅައިފައި ވަނީ ދެވަނަ ފިޔަވަހީގައި އަޅާ ހޮސްޕިޓަލަކީ ޓީޗިން ހޮސްޕިޓަލެއްގެ ގޮތުގައި ގާއިމުކުރުމަށް ކަމަށް ވެސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން އޭގެ އެއްވެސް ކޮމްޕްރޮމައިޒްއެއް ނޯންނާނެ. ހުރިހާ މަސައްކަތްތަކެއް ހިނގާނީ މާލޭގެ މިހާރު ދޭ ފެންވަރެއް ވުރެ މަތީ ފެންވަރުގައި،" އައްފާލް ވިދާޅުވި އެވެ. "ޓީޗިން ފެސިލިޓީއެކޭ ކިޔާފައި ތައްޔާރުކުރާ އިރު އެއީ ވަރަށް ބޮޑު މަސައްކަތެއް. ރާއްޖޭގައި އަދި ޓީޗިން ފެސިލިޓީއެއްގެ ގޮތަށް ތައްޔާރުކޮށްފައި ހުރި ހޮސްޕިޓަލެއް ނުވަތަ މެޑިކަލް ފެސިލިޓީއެއް ނެތް." .