އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓްގެ މުވައްޒަފުންތަކެއް ސިންގަޕޫރްގައި ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކޮށްފި އެވެ.
އެ އެއާޕޯޓް ހިންގާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ) އިން ބުނީ ސިންގަޕޫރް އޭވިއޭޝަން އެކަޑެމީގައި ކޯހެއް ފުރިހަމަކުރީ ގަން އެއާޕޯޓްގެ ރެސްކިއު އެންޑް ފަޔަ ފައިޓިންގެ ސަބް-އޮފިސަރުން ކަމަށްވާ ޝާހިދު އަލީ އާއި މުހައްމަދު ޝަމީލު ކަމަށެވެ.
މި ދެ އޮފިސަރުން ސިންގަޕޫރްގެ އޭވިއޭޝަން އެކަޑެމީގައި ކޯސް ހެދީ މަސް ދުވަހުގެ މުއްދަތަށެވެ. އެއީ މިދިޔަ މަހުގެ 22 އިން މި މަހުގެ 22 އަށެވެ. އެ މުއްދަތުގެ ތެރޭގައި ދެ އޮފިސަރުންނަށް އެއާކްރާފްޓް ރެސްކިއު އެންޑް ފަޔަ ފައިޓިންއާ ބެހޭ ގިނަ ކަންތައްތަކެއް ދަސްވެ، އެ ދާއިރާތަކުން މުހިއްމު ގިނަ ތަމްރީނުތަކެއް ލިބުނު ކަމަށް އޭއައިއޭ އިން ބުންޏެވެ.
އެ ކުންފުނިން އަންނަނީ ގަން އެއާޕޯޓްގެ އެކި ޑިޕާޓްމަންޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދާއިރާތަކުގެ މުވައްޒަފުންނަށް ބޭނުންވާ އިތުރު ތަމްރީނާއި ތަޖުރިބާ ހޯދައިދޭން މަސައްކަތްކުރަމުންނެވެ.