މިފްކޯ އަށް ކިރުވި އެއް ދުވަހުގެ މަހާ އެކީ ދޯންޏަކަށް 800،000ރ. ލިބިއްޖެ އެވެ.
މިފްކޯ އިން ބުނީ އެއް ދުވަހުގެ މަސް ކިރައިގެން އަނެއްކާ ވެސް ރެކޯޑް އާމްދަނީއެއް ހޯދީ ގދ. އަތޮޅުގެ ދޯންޏަކުން ކަމަށެވެ. އެއީ އެ އަތޮޅު ފަރެސްމާތޮޑާގެ "ބާހިރާ" ދޯނިންނެވެ. އެ ދޯނިން 51.9 ޓަނުގެ މަސް ކޫއްޑޫ އަށް ކިރާފައިވެ އެވެ. އެ މަހަށްވާ ޖުމްލަ އަގު ކަމަށްވާ 882،674ރ. އަންނަ އާދީއްތަ ދުވަހު ޖަމާކޮށްދޭނެ ކަމަށް މިފްކޯ އިން ބުންޏެވެ.
ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އިން ބުނި ގޮތުގައި މިހާތަނަށް އެންމެ ގިނަ އަދަދަކަށް މަސް ކިރުވާފައިވާ ދޯނީގެ ރެކޯޑު އޮތީ ގދ. މަޑަވެލީގެ "ޓީއެސް ލައިން" އަށެވެ. މިދިޔަ މަހުގެ 29 ގައި އެ ދޯނިން ކޫއްޑު އަށް ކިރުވި 57.1 ޓަނު މަހާ އެކީ 971،584ރ. ލިބިފައިވެ އެވެ.
"ޓީއެސް ލައިން" އަކީ މިދިޔަ އަހަރު މިފްކޯ އަށް އެންމެ ގިނަ ގިނައިން މަސް ކިރުވި ދޯނި ވެސް މެ އެވެ. އެއީ 1095.805 ޓަނެވެ.