ދުނިޔޭގައި ދެވަނަ އަށް ބާއްވާ އެންމެ ބޮޑު ރީތީގެ މުބާރާތް ކަމަށްވާ "މިސް ޔުނިވާސް" ބާއްވާ ކުންފުނިި، މިސް ޔުނިވާސް އޯގަނައިޒޭޝަން ތައިލޭންޑްގެ ނުފޫޒު ގަދަ ވިޔަފާވެރިއަކު ގަނެފި އެވެ.
މިޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މީގެ 70 އަހަރު ކުރިން ފެށިގެން ބާއްވަމުން އަންނަ މިސް ޔުނިވާސް މުބާރާތް ބާއްވާ ކުންފުނި ގަތީ ޖޭކޭއެން ގްލޯބަލް ގްރޫޕްގެ ނަމުގައި މީޑިއާ ކުންފުންޏެއް ހިންގަމުން އަންނަ ނުފޫޒު ގަދަ ޓްރާންސްޖެންޑާ ވިޔަފާވެރިޔާ އެނީ ޖެކަޕޮންގް ޖަކަރަޖޫޓަޓިލް އެވެ.
މަޝްހޫރު ޓީވީ ޝޯތައް ކަމަށްވާ "ޕްރޮޖެކްޓް ރަންވޭ" އާއި "ޝާކް ޓޭންކް" ގެ ތައިލޭންޑްގެ ވާޝަންތަކުގައި މަސައްކަތްކޮށްފައިވާ އެނީ، 43، "މިސް ޔުނިވާސް" ކުންފުނި ގަތީ 20 މިލިއަން ޑޮލަރަށެވެ. މިސް ޔުނިވާސް އޯގަނައިޒޭޝަނަކީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ހިއްސާވި ކުންފުންޏެވެ.
އެ ކުންފުނި ގަތުމަށް ފަހު އެނީ ބުނެފައި ވަނީ މިއާ އެކީ އޭނަގެ ވިޔަފާރި ޕޯޓްފޯލިއޯ އިތުރަށް ވަރުގަދަވެ، އެތައް ބަޔަކަށް އެތައް ފުރުސަތެއް ހުޅުވިގެން ދާނެ ކަމަށެެވެ.
މިސް ވޯލްޑް އޯގަނައިޒޭޝަންގެ ޗީފް އެގްޒެކެޓިވް އެމީ އެމެރިޗް އާއި ރައީސް ޕައުލާ ޝުގާޓް ވިދާޅުވީ ކުންފުނި ވިއްކާލުމަކީ މިސް ޔުނިވާސް މުބާރާތް އިތުރަށް ވަރުގަދަވެގެން ދާނެ ކަމެއް ކަމަށެވެ. އަދި މިއީ "އިންކޫލްސިވިޓީ އެޅުނު ވަރަށް މުހިއްމު ފިޔަވަޅެއް ކަމަށް ވިދާޅުވި އެވެ.
"މިސް ޔުނިވާސް" މުބާރާތް އެންމެ ފުރަތަމަ ބޭއްވީ ޖޫން 28، 1952 ގަ އެވެ.
އެންމެ ފަހުން ބޭއްވި މިދިޔަ އަހަރުގެ "މިސް ޔުނިވާސް" އަކީ އިންޑިއާ ހަރްނާޒް ސަންދޫ އެވެ.