Last Updated: June 9, 13:32
Tuesday, June 9, 2026
ޚަބަރު

އަލަށް އައިވީއެފް ފަންޑެއް ތަޢަރާފު ކުރަނީ

ދުނިޔޭގެ ފާޓިލިޓީ ޑޭއި ފާހަގަ ކުރުމުގެ ގޮތުން 'އައިވީއެފް' ފަންޑެއް އިފްތިތާޙް ކުރުމަށް، ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީ ޖަމީއްޔާ އިން ނިންމައިފި އެވެ.

ފާޓިލިޓީ ސަޕޯޓު ކޮމިއުނިޓީން މި ފަންޑު އިފްތިތާޙް ކުރާނީ، ދުނިޔޭގެ ފާޓިލިޓީ ދުވަސް ފާހަގަ ކުރުމަށް "އަ ނައިޓް އޮފް ހޯޕް" ގެ ނަމުގައި ބާއްވާ ގާލާ ފަންޑްރެއިޒަރ ޑިނާގެ ތެރެއިންނެވެ. ދައުވަތު އެރުވިގެން އަދި އާންމުންނަށް ހުޅުވާލައިގެން ބާއްވާ ޑިނާރ އޮންނާނީ، އަންނަަ މަހުހެ 2 ވަނަ ދުވަހުގެ ރޭގަނޑު މީރުމާ ހޯލުގައެވެ.

މި ހަރަކާތުގެ އެންމެ ހާއްސަ ކަމަކަށް އޮންނާނީ ޖަމިއްޔާގެ 'އައިވީއެފް ފަންޑް' ލޯންޗްކުރުމެވެ. އައިވީއެފް ފަންޑަކީ، މާލީ ދަތިތަކާއި ހެދި އިންވިޓްރޯ ފާޓިލައިޒޭޝަން (އައިވީއެފް) ގެ ޓްރީޓްމަންޓް ހެދުމުގެ ފުރުސަތު ލިބިފައިނުވާ ފަރާތްތަކަށް ހާއްސަކޮށްގެން މާލީ އެހީ ފޯރުކޮށްދިނުމަށްޓަކައި އެ ޖަމީއްޔާއިން ހުޅުވާލާ ފަންޑެކެވެ.

ފާޓިލިޓީ ސަޕޯޓު ކޮމިއުނިޓީ ބުނި ގޮތުގައި ދަރިމައިވުމުގެ މައްސަލައަކީ މިހާރު ރާއްޖޭގައި ގިނަ މައްސަލައަކަށްވާއިރު، މިހާތަނަށްވެސް ރާއްޖޭގައި މިޙިދުމަތް ދާއިމީ ގޮތެއްގައި ދޭން ފާޓިލިޓީ ޑޮކްޓަރެއް ނުވަތަ މި ޙިދުމަތް ދޭނެ ސެންޓަރެއް ޤާއިމުވެފައި ނެތް ކަމަށެވެ. އަދި މިއީ ޙަރަދު ބޮޑު ފަރުވާއެއްކަން އެ ޖަމީއްޔާއިން ފާހަގަ ކުރެއެވެ. އެގޮތުން ކޮންމެ އައިވީއެފް ސައިކަލްއަކަށް ދެ މަސް ދުވަހަށް ރާއްޖެއިން ބޭރަށް ދާން މަޖުބޫރުވާއިރު، މިފަރުވާއަށް ޖުމަލް 5000 ޑޮލަރު ހޭދަ ވާކަމަށް ފަޓިލިޓީ ސަޕޯޓު ކޮމިއުނިޓީން ބުނެއެވެ.

އެހެން ކަމުން މި ފަންޑު އިފްތިތާޙް ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ، ދަރިމައިވުމުގެ މައްސަލަތައް ކުރިމަތިވެ، އިތުރު އެހެން އެއްވެސް ފަރުވާއަކުން ކުއްޖަކު ހޯދުމުގެ މަގު ބަންދުވެފައިވާ ފަރާތްތަކުގެ ތެރެއިން މާލީގޮތުން ދަތިކަންހުރި ފަރާތްތަކަށް އައިވީއެފް ހެދުމުގެ މަގުފަހިކޮށްދިނުން ކަމަށް އެ ޖަމީއްޔާއިން ބުނެއެވެ.

ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީއަކީ 2021 ވަނަ އަހަރުގެ ޖެނުއަރީމަހުގައި ދަރިމައިވުމުގައި ދިމާވާ ދަތިތަކާއި ގުޅޭގޮތުން އާންމުން ހޭލުންތެރިކޮށް، މިފަދަ މައްސަލަ ކުރިމަތިވެފައިވާ ފަރާތްތަކަށް ނަފްސާނީ އަދި އެނޫންވެސް އެހީތެރިކަން ފޯރުކޮށްދިނުމަށް އުފައްދާފައިވާ ޖަމީއްޔާއެކެވެ. މި ޖަމީއްޔާގައި މިވަގުތުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 250 މެންބަރު ތިބި ކަމަށް ޖަމީއްޔާއިން ބުނެއެވެ.

ދަރިމައިވުމުގައި ދިމާވާ މައްސަލަތަކުގެ ވާހަކައަކީ އަދިވެސް ގިނަ ބަޔަކު ދައްކަން ފަސްޖެހޭ ވާހަކައަކަށްވާއިރު، މި ވިސްނުން ބަދަލުކޮށް، އާންމުން ހޭލުންތެރިކޮށް، އެކަށީގެންވާ ރަނގަޅު ފަރުވާ ހޯދުމަށް ހިތްވަރުދިނުމަކީ ޖަމީއްޔާއިން ވަރަށް އިސްކަމެއް ދޭ ކަމެއް ކަމަށް އެ ޖަމީއްޔާއިން ބުނެއެވެ.

ފަންޑްރެއިސިން ގާލާ ޑިނާގެ ޓިކެޓު މި ލިންކުން ލިބިވަޑައިގަންނަވާނެއެވެ.
< rf="ttps://liktr./frtilityspportcoity" rl="oopr" trgt="_blk">ttps://liktr./frtilityspportcoity